ރާއްޖޭގައި ރިސޯޓު ތަރައްޤީކުރަން ދޫކޮށްފައިވީ ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ނުނިމި، ނުހުޅުވި ހުރި 161 ރަށާއި ފަޅުގެ މައްސަލައިގައި އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޒަމާންތަކެއް ވަންދެން ދިމާވެފައިވާ ބޮޑު މައްސަލައަކަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާ މަސައްކަތެކެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އެކި ސަރުކާރުތަކުގެ ދައުރުގައި ކޮންސްޓްރަކްޝަން މުއްދަތު ތަކުރާރުކޮށް އިތުރުކޮށްދެމުން އައުމުގެ ސަބަބުން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ރަށްތައް ނުހެދި ދިގުލައިގެން ދިއުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ލޭންޑް ރެންޓްގެ ގޮތުގައި 500 މިލިއަނާއި 600 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު އަދަދެއްގެ ފައިސާ ނުލިބި ޖަމާވެފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކޮންސްޓްރަކްޝަން މުއްދަތުގެ އުސޫލުތައް ހަތަރު ކެޓަގަރީއަކަށް ބަހާލައި، އެއްބަސްވުންތައް ބާތިލުކުރުމުގެ (ޓާމިނޭޝަން) މަރުޙަލާއަށް ދެވޭނެ އުސޫލުތައް ބަޔާންކުރާ އައު ޤަވާއިދެއް މިދިޔަ މަހު ގެޒެޓްކޮށްފައެވެ.
ވަޒީރު އަމީން ވިދާޅުވީ، އަލަށް އެކުލަވާލި ޤަވާއިދުގެ ދަށުން މި ހަފުތާ ތެރޭގައި އަމަލީ މަސައްކަތްތައް ފަށައި، ދައުލަތާއި ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.