ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގަން ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އަދި ވުޖޫދުގައި ނެތް ބިރެއް އުފެއްދުމުގެ އަމަލެއް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ލިންކެޑްއިންގައި ހިއްސާކުރެއްވި ލިޔުމެއްގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއާ ދެކޮޅަށް ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ބޮޑު ބަޔަކީ ބިން އަގުކުރާ ގޮތާއި އުސޫލުތަކާ މެދު އޮތް ކަންބޮޑުވުމަކަށްވުރެ ބޮޑަށް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ގުޅިގެން ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ފުން އަސަރުތަކާ ގުޅިފައިވާ ކަންކަން ކަމަށެވެ. އެހެންކަމުން، އެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޒްރޭލުގެ އެއްވެސް މަސްލަހަތެއް ނުވަތަ އެ ގައުމުގެ ރައްޔިތަކަށް އަދި އެ ގައުމުގެ ކޮންޓްރޯލް އޮންނަ ކުންފުންޏަކަށް ރަސްމާލެ މަޝްރޫއުގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން މިނިސްޓަރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން، މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، ހަގީގީ މަންފާ ލިބޭ ވެރިއެއްގެ (ބެނެފިޝަލް އޯނަރެއް) ގޮތުގައި، ހިއްސާދާރެއްގެ ގޮތުން ނުވަތަ ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައި ވެސް އިޒްރޭލުގެ އެއްވެސް މީހަކަށް ނުވަތަ ކުންފުންޏަކަށް ނުވަދެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޕްރޮޕަޓީއެއް ގަންނަ ކޮންމެ މީހަކުވެސް ނިސްބަތްވާ ހުރިހާ ގައުމުތަކެއް ސާފުކޮށް ހާމަކުރަންޖެހޭނެ ކަމަށާއި، މައުލޫމާތު އޮޅުވާލައިފިނަމަ އެއްބަސްވުން ބާތިލުކޮށް މުދަލާއި ފައިސާ ދައުލަތަށް ނަގާނެ ކަމަށް ވެސް ބަޔާންކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ބޭރުގެ އެއްވެސް ފަރާތަކަށް ބިން ދާއިމީކޮށް މިލްކުވާ ގޮތަށް ނުވަތަ ދާއިމީ ކުއްޔަށް ނުދޭނެ ކަމަށާއި، ކޮންމެ ފިޔަވަހީގެ ދަށުން އިމާރާތްކުރާ ޔުނިޓްތައް ދިވެހި ރުފިޔާއިން އަގުދައްކައިގެން ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުންނާއި ހަރުދަނާ ސްކްރީނިން މަރުހަލާތަކާއެކު ވެސް، މި މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ދިވެހި ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ޒަޔަނިޒަމް ޕްރޮޖެކްޓަކީ ތާރީހީ ގޮތުން ޔަހޫދީން ފަލަސްތީނުގައި އާބާދުކުރުމަށް ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ބޯޑަރު ބަލަހައްޓައި ވިސާއާއި ބިން ކޮންޓްރޯލްކުރާ މިނިވަން ގައުމަކުން މިފަދަ ކަންކަމުގެ ތެރެއިން ބިން އަތުލިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިފަދަ ވާހަކަތައް ދެއްކުމަކީ ފަލަސްތީނު ރައްޔިތުންގެ ގުރުބާނީ އާއި ދިވެހިންގެ އިހުސާސްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދަން ކުރާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ކުރީގެ އެއްވެސް ސަރުކާރަކުން އަޅާފައިނުވާ ހަރުދަނާ ފިޔަވަޅެއްގެ ގޮތުން މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓް މަނާކޮށްފައި އޮތުމަކީ ވެސް ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމް ނުކުރެވޭނެކަން ކަށަވަރުކޮށްދޭ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އީގަލް ހިލްސް ކުންފުނިން ވެސް ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ތަބާވާނެ ކަމަށް ބުނެފައިވާކަން ޑރ. މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.