ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށްވެސް ކުރަމުންދާ ކަމަށާއި، ނަމަވެސް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން %3.8 އަށް އަރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރޮއިޓާސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދަށް ކޮންމެވެސް ވަރަކަށް އަސަރުކޮށް، ތެޔޮ ގަންނަން ކުރާ ޚަރަދު އިތުރުވުމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިފަދަ ހާލަތްތައް ތަހައްމަލުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި މާލީ ދާއިރާއިން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރުވެސް އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާލަތުން އަވަހަށް އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ވޯލްޑް ބޭންކު ފަދަ އިދާރާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަޅަމުންދާ ފިޔަވަޅުތަކާއެކު 2028 ވަނަ އަހަރު އަންނާއިރު އިޤްތިޞާދީ ކުރިއެރުން %6.8 އަށް އާދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހަމައެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް %33 އަށް ފުޅާކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށްވެސް ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.