ބައެއް މީހުންނަށް ވިސްނެނީ ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެ ކަމަކީވެސް ދެމީހުން އެއްވަރަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް ކުރަން އޮތް އަދި އެގޮތަށް ކުރެވޭނެވެސް ކަމެއް ނޫނެވެ.
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކުރަން މޮޅުވާނީ ތަފާތު ކަމެކެވެ. ވީމާ ދިރިއުޅުމަށް ބޮޑަށް ފައިދާކުރާނީ އެމީހަކު އެކަމެއްގައި ކުރިއަރާފައިވާ އަދި ކުރަން ޝައުޤުވެރިވާ ކަމެއް ކުރީމައެވެ. ވީމާ ކުރަންޖެހޭ ކޮންމެ ކަމެއްގައިވެސް އަނެކާގެ ހުނަރަށް ވިސްނައި ސަމާލުކަންދޭށެވެ. "މިއަދު އަހަރެން މިވެނިކަމެއްކޮށްފިން. މާދަމާ އެކަންކުރަންޖެހޭނީ ކަލޭ!" ކަމަށް ނުބުނާށެވެ!
މިޘާލަކަށް ބުނާނަމަ ދަރިން ބެލުމުގެ މަސައްކަތް ޢާންމުގޮތެއްގައި ކުރަނީ މަންމައެވެ. މަންމަގެ ތަޖުރިބާ މާބޮޑުވާނެއެވެ. އެހެންކަމަށްވާއިރު ޑައިޕަރ ބަދަލުކުރަންޖެހޭ ދެފަހަރު ދެމީހުން ކަމަށް ނުނިންމާށެވެ!
މީގެ މާނައަކީ ޑައިޕަރ ބަދަލުކުރަންޖެހޭ ކޮންމެ ފަހަރަކު އެކަންކުރަންޖެހޭނީ މަންމަ ކަމަށް ނިންމުމެއް ނޫނެވެ. ކުރަންޖެހޭ ޙާލަތުގައި ބައްޕައަށްވެސް އެކަންކުރެވެންވާނެއެވެ. އެއީ ކުރަން ލަދުގަންނަ ނުވަތަ ކުރަން ފަސްޖެހޭ ކަމަކަށް ހަދައިގެންނުވާނެއެވެ.
މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް ކައިވެންޏަށްފަހު ދެމީހުންނަކީ އެކަކު ކަމަށް ޤަބޫލުކޮށްގެން އުޅެން މަސައްކަތްކުރުމެވެ. ކޮންމެ މީހަކީވެސް ކުރަންޖެހޭ އެއްވެސް ކަމެއް ކުރަން ފަސްނުޖެހި އެކަމެއް ކުރާ މީހަކަށްވުމެވެ. އެއިރުން ވަރަށް ގިނަ މައްސަލަތައް ޙައްލުކުރެވޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް