ޢިބްރަތްތެރި ވާހަކަ: ޅީދަރިފުޅަށް ހަސަދަނުލައި އޭނާގެ އަގުވަޒަންކޮށް ހެޔޮދުޢާކޮށްދިނުމަކީ އާދައާ ޚިލާފަށް ބޮޑެތި އުފާވެރިކަން ޢާއިލާއަށް ލިބޭކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 53ސ
ޢިބްރަތްތެރި ވާހަކަ: ޅީދަރިފުޅަށް ހަސަދަނުލައި އޭނާގެ އަގުވަޒަންކޮށް ހެޔޮދުޢާކޮށްދިނުމަކީ އާދައާ ޚިލާފަށް ބޮޑެތި އުފާވެރިކަން ޢާއިލާއަށް ލިބޭކަމެއް!

ގިނަ ޢާއިލާތަކަށް ބޮޑެތި ދެރަތައް ލިބޭ އެންމެ ބޮޑު އެއްސަބަބަކީ ޙަސަދަވެރިކަމެވެ. ޚާއްޞަކޮށް ބޭރުން ގެނެވޭ ދަރިންނަށް ޙަސަދަވެރިވެވޭކަމެވެ. ޙަސަދަވެރިކަން ނެތިކޮށްލައި ރިވެތި ގޮތުގައި އުޅުމާއި އަނެކާއަށްޓަކައި ހެޔޮދުޢާކުރުމަކީ ކިހައި ފައިދާބޮޑު ކަމެއްކަން ތިރީގައިވާ ޙާދިސާގެ ވާހަކައިން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ  

ސަމީ ދެކެ ވަރަށް ލޯބިވާ ފިރިހެނަކު ހުރެއެވެ. އެއީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު މީހެކެވެ. ޒުވާން ޢުމުރުގައި އަމިއްލަ މަސައްކަތުން ވަނީ ގެއެއްވެސް ގަނެފައެވެ. މަންމައާއި ދައްތަގެ ދެމެފަރިން ގެންގުޅެނީވެސް އެގޭގައެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދެނީވެސް އޭނާއެވެ. ހަމައެއާއިއެކު އަޚްލާޤީ ގޮތުން އެހައިމެ ރަނގަޅު މީހެކެވެ.  

ސަމީގެ ކައިވެންޏަށް ތަކުރާރުކޮށް އެދުމުން ވެސް އިންކާރުކުރާތީ އޭނާ ސަމީ އާއި ބައްދަލުކޮށް އިންކާރުކުރާ ސަބަބު ބުނެދިނުމަށް އެދުމުން ސަމީ ކިޔައިދިނެވެ.  

"އަހަރެންގެ މަންމަ އާއި ބައްޕަގެ ތިބެނީ 3 އަންހެން ދަރިންނެވެ. ކޮންމެ ދުވަހަކު ބޭރަށް ދަނީ ގޭގައި އަހަރެމެން އެކަނި ބައިތިއްބާފައެވެ. ދެކޮއްކޮގެ ކަންކަން ބަލަހައްޓަން ޖެހެނީ އަހަރެންނަށެވެ.  

އުމުރުން 15 އަހަރުގައި މަސްތުގެ ޙާލުގައި ތިބި 3 ފިރިހެނުން ގެއަށް ވަނުމުން 2 ކޮއްކޮ ފޮރުވީމެވެ. ނަމަވެސް އަހަރެންނަކަށް ނުފިލުނެވެ. ނަތީޖާއަކަށްވީ 3 މީހުން އަހަރެން ރޭޕްކުރުމެވެ. މަންމަމެން ގެއަށް އައިއިރުވެސް ލޭ ފައިބައެވެ.  

އަހަރެންނަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދަން މަންމަ ބޭނުންވިއެވެ. ނަމަވެސް އެކމަށް ބައްޕަކުރީ އިންކާރެވެ. އެއީ ބައްޕައަކީ މަޝްހޫރު މީހަކަށްވުމުން އަގުވެއްޓިދާނެތީއެވެ. އެހެންވެ އެއްވެސް ފަރުވާއެއްވެސް ލިބޭނެ ގޮތެއް ނުވިއެވެ.

2 ވަނަ މަހު އެނގުނީ އަހަރެން ބަލިވެ އިން ކަމެވެ. މަންމަ އާއި އަހަރެން ބޭނުންވީ ވިހާށެވެ. ނަމަވެސް ބައްޕަގެ އަގުވެއްޓިދާނެތީ ބައްޕަ ބޭނުންވީ ދަރިފުޅު ވައްޓާލުމަށެވެ. ހޮސްޕިޓަލަށް ގެންގޮސްގެންވެސް ކުރާކަށް ބޭނުމެއް ނުވިއެވެ. ގެއަށް މީހަކު ގެނެސްގެން އެކަންކުރުމުގެ ނަތީޖާއަކަށްވީ ލޭމަނާ ނުވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުމެވެ.  

ހޮސްޕިޓަލުން ބަލައި ފަރުވާދިފައި ބުނީ އެކަންކޮށްފައިވާ ގޮތުން ރަޙިމަށް ގެއްލުން ލިބިފައިވާ ކަމަށާއި ދަރިއަކު ދެން ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ކަލެއަކީ ނުލާހިކު ގިނަ ދަރިން ބޭނުންވާ މީހެކެވެ. ވީމާ އެންމެ ދަރިއަކު ވިހައިދެވެން ނެތްއިރު ކައިވެނިކުރާނީ ކހިނަކުން ހެއްޔެވެ؟" 

ސަމީގެ ޙަޔާތުގައި ދިމާވި ހިތްދަތި ޙާލަތުގެ ވާހަކަތައް ރޮމުން ކިޔައިދިނުންވީ އޭނާގެ ހިތުގައި ސަމީއަށް ލޯބި އިތުރުވި ސަބަބަކަށެވެ. ބޭނުންވީ ދަރިއަކު ނުލިބުނަސް ކައިވެނިކުރާށެވެ! މީހުންގެ ދަރިން ބަލައި އެކަން ފޫބައްދަން ނަމަވެސް ސަމީއާއި ކައިވެނިކުރާށެވެ.  

ސަމީ އެހިސާބުން ކައިވެންޏަށް ރުހުނެވެ. ކައިވެނިކޮށްގެން ގެއަށް ގެންދިއައެވެ. ކައިވެނީގައި 3 އަހަރުވީއިރުވެސް ދަރިއަކު ނުލިބޭތީ މަންމަ މައްސަލަޖައްސަން ފެށިއެވެ. ސަމީއަށް ބަދުބަސްތައް ބުނަން ފެށިއެވެ. ދެމައިންވެގެންވެސް ސަމީއަށް އެއްޗެތި ގޮވަން ފެށުމުން އެކަމުގެ އަސަރު ދެމަފިރިންގެ ގުޅުމަށް ފޯރަން ފެށުމުން ކެތްނުކުރެވިގެން އެއްދުވަހަކު މަންމައާއި ދައްތައާއި ދިމާއަށް ބުންޏެވެ.

"މަންމާއެވެ! އަހަރެންގެ ކިބައިން މާމަ ދަރިއަކަށް މަންމަ ބޭނުންވާނެވަރު އެނގެއެވެ. ނަމަވެސް ދަރިންނަކީ ﷲ ދެއްވެވުމުން ލިބޭ އެއްޗެކެވެ. އަދިވެސް ބުނަން ހެއްޔެވެ؟ އަހަރެންގެ ކިބައިން ދުވަހަކުވެސް މަންމައަށް މާމަދަރިއަކު ނުލިބިވެސްދާނެއެވެ. އެކަމާ ޝަކުވާ ނުކުރާށެވެ." 

އެހިސާބަށް ބުނިތަނާ ދައްތަ އެކަމުގެ ތެރެއަށް ވަދެގަތެވެ. ސުވާލުކުރިއެވެ. "އެހެންވީއިރު ދެއަންތބަށް ކައިވެނިކޮށް ދެވަނަ އަންތބަކު ހޯދަންވީ ނޫންހޭ؟ ނޫނީ މީނާ ދޫކޮށްލާފައި އެހެން އަންހެނަކާ ކައިވެނިކުރަންވީ ނޫންހޭ؟"  

ޖަވާބުގައި އޭނާ ސުވާލުކުރިއެވެ. "ދައްތާއެވެ. އަހަރެމެންގެ ކައިވެންޏަށް އަދި 3 އަހަރެވެ. ދައްތަގެ ކައިވެންޏަށް 7 އަހަރެވެ. ދައްތަ ވިހާފައި ތިބި ދަރިންތައް ކޮބައިހެއްޔެވެ؟ ލޯބިވާ ދައްތާއެވެ! އަހަރެން ކައިވެނިކުރީ ދަރިއަކު ނުވެސްލިބިދާނެކަން އެނގިހުރެއެވެ. އެވާހަކަ އަނބިމީހާ ކިޔައިދިނުމުންވެސް ކައިވެނިކުރީ ހަމަ ސަމީ ދެކެ ލޯބިވާތީއެވެ! އެކަމަކު ދައްތަ އެންމެ ކުޑަމިނުން ދައްތަގެ ޙަޤީޤަތް ފިރިމީހާ ގާތު އެންމެފަހަރަކުވެސް ބުނެފިންހެއްޔެވެ؟" 

"ލޯބިވާ މަންމާއެވެ! ލޯބިވާ ދައްތާއެވެ! ތިއައަށްވުރެ އަހަރެން ލޯބިވާ ބައަކު ނުތިބޭނެއެވެ! ނަމަވެސް އެއީ އަނބިމީހާ ދެކެވާ ލޯތްބާއި މުޅިން ތަފާތު ލޯތްބެކެވެ. މިކަންކަން ޤަބޫލުކޮށްގެން އެކުގައި ނުއުޅެވޭނެ ނަމަ ދެމައިންނަށް މިގެ ދީފައި އަހަރެމެން ދެމަފިރިން ނުކުމެގެންދާނީއެވެ. ސަމީގެ ހިތުގަ ޖެހޭނެ ފަދަ އެންމެ ބަހެއް ބުނި ނަމަވެސް އިތުރަށް މިގެއަކު ނުއުޅޭނަމެވެ."  

"ލޯބިވާ މަންމާއެވެ! މަންމަ އުޅެންވީ ތިއަ ގޮތަކަށް ނޫނެވެ! މަންމަގެ ދެދަރިންނަށް ދަރިން ދެއްވެވުން އެދި ނިކަން ގިނަގިނައިން ދުޢާކޮށްދީބަލާށެވެ! މައިންގެ ދުޢާއިން ޙާޞިލުނުވާނެ ކަމެއް ނުއޮންނާނެކަމަށް ބުނެވޭ އަޑު ވަރަށް ގިނައިން އިވެއެވެ. ސަމީގެ މަންމަ މިހާރުވެސް ދުޢާކޮށްދެއެވެ. ދެމަންމަ އެކުގައި ދުޢާކުރަން ފަށައިފިނަމަ ޢިޖާބަކޮށްދެއްވެވުން އަވަސްވާނެ ނޫންހެއްޔެވެ؟ އަދި އަހަރެމެންވެސް ދުޢާކުރަމެވެ. އެންމެން ދުޢާކުރީމާ ހަމަ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

އޭނާގެ ވާހަކަތަކުން ދެމައިން ޢިބްރަތް ޙާޞިލުކޮށް ސަމީއަށް ލޯބިދީ އުފަލުގައި ގެންގުޅެން ފެށިއެވެ. ގޭގައި އެންމެ ފަހުބަސް ބުނާ އަންހެނަކީ މަންމަ ނަމަވެސް ސަމީގެ ޚިޔާލު ހޯދައިގެން ކަންކަން ނިންމަން ފަށައިފިއެވެ. އެހިސާބުން ގެއަށް ބޮޑު ޢީދެއް އައިފަދައެވެ.  

އެކަމުގެ ނަތީޖާ ވަރަށް ފޮންޏެވެ! އެވާހަކަތައް ދެކެވުނުތާ ނުވަތަ ދެމަންމައިންއެކުގައި ސަމީއަށްޓަކައި ދުޢާކޮށްދޭން ފެށިތާ އަހަރުވީއިރު ސަމީ އޮތީ ވިހައިގެންނެވެ. އެންމެ ކުއްޖެއްވެސް ނޫނެވެ! ލޯބިލޯބި ދެ ފިރިހެންކުދިންނެވެ. ދައްތައަކީ ރަޙިމް ނަގާފައި ހުރި އަންހެނަކަށްވުމުން އެދެމަފރިން ނިންމީ ޔަތީމްޚާނާއަކުން ތުއްތު ކުއްޖަކު ގެނެސްގެން ގެންގުޅޭށެވެ! 

މިއީ ނޫހުގައި ޢިބްރަތްތެރި ވާހަކައެއްގެ ގޮތުގައި ޝާއިޢުކޮށްފައިވާ ވާހަކައެވެ. ލިޔެފައިވަނީ ފައިޞަލް އާބާދުގެ އަންހެނެކެވެ. މިވާހަކައަށް ކުދިކުދި ބަދަލުތައް ގެނެސްގެން ބައެއް ފިލްމުތައްވެސް މިހާރުވަނީ އުފައްދައިފައެވެ.  

ބައެއް ފިލްމުތަކުގައި ބޮޑަށް ފާހަގަކޮށްފައިވަނީ އެމްޕީއަކު (ސަމީގެ ބައްޕަ) އޭނާގެ އަބުރާ ގަދަރު ގެއްލިދާނެތީ ދިފާޢުކުރަން އުޅެން ހަދައިގެން ދަރިފުޅަށް ލިބުނު ބޮޑު އަނިޔާގެ ވާހަކައެވެ. އަދި ދުޢާގެ ޚާއްޞަކޮށް މައިންގެ ދުޢާގެ ބާރުވެސް ފާހަގަކޮށްފައި ހުރެއެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް ހުށަހަޅައިލީއެވެ.

އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ ތެދުވެރި ލޯބި މިހާރު ނެތްކަމަށް ގިނަ ބައަކު ބުނި ނަމަވެސް ތެދުވެރި ލޯބިއަދިވެސް ދިރިދެމި އެބައޮތްކަމެވެ. ނޫންނަމަ އެހުރިހާ މައްސަލަތަކާއެކު އެފަދަ މީހަކު ސަމީ ޢާއި ކައިވެނިކުރާނެ ހެއްޔެވެ؟ އަދި މަންމަ އާއި ދައްތަގެ ކުރިމަތީގައި އެގޮތަށް އަނބިމީހާ ދިފާޢުކުރާނެ ހެއްޔެވެ؟

ވީމާ ކައިވެނިތައް ރޫޅެމުން މިދަނީ ތެދުވެރި ލޯބި މަރުވެ ހުސްވުމަކުން ނޫނެވެ! އަމިއްލަ އެދުމާއި މީހުންގެ ނުބައިކަން ބޮޑުވުމުންނެވެ.  

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެހައި ބޮޑަށް ހިތްހަމަނުޖެހި ހުރެވެސް އޭނާ މަންމައާއި ދައްތަ އާއި މުޚާޠަބްކޮށް ވާހަކަ ދެއްކި ރީތި ބަހުރުވައެވެ. މިއީ ވެސް މިޒަމާނުގައި ހަމަ ވަރަށް ބޮޑަށް ވިސްނާލަން ޖެހިފައިވާ ކަމެއްކަމަށް ދެކެމެވެ. ހަމަ އެންމެންހެން ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ނޫންތޯއެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުން މައްސަލަ އެހައި ރަނގަޅަށް ޙައްލުވެގެން އެދިއައީ އެހައި ރިވެތި ބަހުރުވައިން މުޢާމަލާތުކުރީތީއެވެ!

 

- ޝާފިޢާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން