ކުށެއް ކުރެވުނުކަން ޤަބޫލުކުރެވުނަސް ބައެއް ފިރިހެނުންނަކީ އެކަން ހާމަކުރަން ބޭނުންވާ ބައެއް ނޫނެވެ. އެހެންވެ މާފަކަށް ނުއެދޭނެއެވެ. ނަމަވެސް އެމީހުންގެ ޢަމަލުތަކުން އެކަން ދައްކާނެއެވެ. މާނައަކީ ލޯބިދިނުމާއި އަޅައިލުން އިތުރުކުރާނެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ގުޅެވިފައިވަނީ މިބުނި ފަދަ ފިރިއަކާއިކަމަށްވާނަމަ މާފަށް އެދުވަން ބާރުނުއަޅާށެވެ! އެކަމުން ފައިދާއެއް ނުކުރާނެއެވެ. ސަބަބަކީ އެމީހުންގެ ދުލުން މާފަށް އެދުމުގެ ބަސް ނުބުނަންވެގެން ވަރިވެސް އެބަކުރެއެވެ.
އެކަން އެގޮތަށްވުމަށް މެދުވެރިވާ ދެ ސަބަބެއްވެސް އޮވެއެވެ. ފުރަތަމަ ސަބަބަކީ މާފަށް އެދޭކަމަށް ބުނުމުން އެމީހުންނަށް އެމީހުން ބަލިކަށިވާކަން ޤަބޫލުކުރެވުމެވެ. ދެވަނަ ސަބަބަކީ އެމީހުން އުޅެ ބޮޑުވި މާޙައުލުގައި މާފަށް އެދުމުގެ އާދަނެތުމެވެ.
ދެންވެސް ވިސްނައިލާށެވެ! މާފަށް އެދޭކަމަށް ބުނުވުމަށްވުރެ އެމީހެއްގެ ޢަމަލުތަކުން އެކަން ދެއްކުމުން ތިއަ ކަނބަލުންނަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ. ސަބަބަކީ ދުލުން ބުނާބަހަކަށްވުރެ ޢަމަލުން އެކަން ދެއްކުމުން ދިރިއުޅުމަށް ކުރާނެ ފައިދާ ބޮޑުވާނެތީއެވެ.
ބުނެލަން ބޭނުންވަނީ މާފަށް އެދުމަކީ މީހާގެ ޤަދަރުކުޑަވާ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ޤަދަރުއުފުލޭނީއެވެ. މާފަށް އެދެން ފަސްޖެހޭނަމަ އެކަން ނުބައިކޮށް މާނަކުރެވޭނެއެވެ. ސަބަބަކީ އެއީ ކުށް ތަކުރާރުކުރާނެކަން އަންގައިދޭ ކަމަކަށްވާތީއެވެ.
އަނބިންނަށް ބުނެލަން ބޭނުންވަނީ އެވިސްނުމުގެ ފިރިންގެ ގާތުގައި މާފަށް އެދެން ގިނަގިނަގިނައިން ނުބުނާށެވެ. އެއިގެ ބަދަލުގައި ބުނާށެވެ. ތިއަ ގޮތަށް ކަންތައް ކުރުމުން ވަރަށް ދެރަވެއްޖެއެވެ. އަލުން ތަކުރާރުނުކުރާނެކަމަށް އުންމީދުކުރަމެވެ.
ދިރިއުޅުމުގައި އެންމެ މުހިންމީ އަނެކާގެ ކަންކަން ހުންނަގޮތް ދެނެގަނެގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. ވީމާ ކޮންމެ ކަމަކީ ބޮޑު ހަނގުރާމައަކަށް ހަދަން މަސައްކަތްނުކުރާށެވެ. އެއިގެ ބަދަލުގައި ޞުލްޙަވެރިކަމާއިއެކު ކަންކަން ޙައްލުކުރަން މަސައްކަތްކުރާށެވެ. ހުޝިޔާރު މީހުންނަކީ ކުށް ނުކުރެވޭ މީހުންނެއް ނޫނެވެ. ކުށެއް ކުރެވުމުން އެކަން ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރާ މީހުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން