ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުން އަތުން ދައްކަންޖެހޭ އަގު ކުޑަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަލަށް ފަރުޟު ޙައްޖު އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން، ދެ ޙައްޖު ދެމެދުގައި އޮންނަންޖੋހޭ މުއްދަތު 10 އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް، ވީއེންމެ އަވަހަކަށް ޢަމަލީ ސިފަ ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމެކެވެ.
"ޙައްޖުގެ އަގު ހެޔޮ ކުރުމަށް އަޅުގަނޑު މިދަންނަވަނީ ރައްޔިތު މީހާ އަތުން ދައްކަންޖެހޭ ބައި މަދުކުރުން، ލުއިކޮށްދިނުމަށްޓަކާ. އެހެންކަމުން މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރުދުވަހަށް މިކަމަށް ޕްލޭނެއް ހަދައިގެން މަސައްކަތკުރަން އަޒުމް ކަނޑައަޅައިގެން،" ވަޒީރު ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ރާއްޖެއިން ޙައްޖަށް މީހުން ގެންދަމުން އަންނަނީ 69,965 ރުފިޔާއަށެވެ. މިއީ އަހަރުތަކެއްގެ ކުރިން ކަނޑައަޅާފައިވާ އަގެއް ކަމަށްވާއިރު، ރައްޔިތުންނަށް މިކަމުގައި ލުއިތަކެއް ހޯދައިދިނުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޢަމަލީ ސިފަ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.