ދައުލަތަށް ލިބުނު އާމްދަނީ %3 އިތުރުވެ، 31.5 ބިލިޔަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދައުލަތަށް ލިބުނު އާމްދަނީ %3 އިތުރުވެ، 31.5 ބިލިޔަން ރުފިޔާއަށް އަރައިފި

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.5 ބިލިޔަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %3 ގެ ކުރިއެރުމެއް ހޯދައިފި ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 30.6 ބިލިޔަން ރުފިޔާއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސްގެ ގޮތުގައި އެކަނިވެސް 24.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު %7.4 ގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޓެކުހުގެ މައިގަނޑު ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އޭގެ ތެރޭގައި:

އިމްޕޯޓް ޑިއުޓީ: 2.7 ބިލިޔަން ރުފިޔާ (%18.3 ގެ ކުރިއެރުމެއް)

ޖީޖީއެސްޓީ: 4.3 ބިލިޔަން ރުފިޔާ (%7.7 ގެ ކުރިއެރުމެއް)

ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް: 5.7 ބިލިޔަން ރުފިޔާ (%21.3 ގެ ކުރިއެރުމެއް)

އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް: 1.5 ބިލިޔަން ރުފިޔާ (%9.2 ގެ ކުރިއެރުމެއް)

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 1.5 ބިލިޔަން ރުފިޔާ (%9.1 ގެ ކުރިއެރުމެއް)

މުދަލުން ލިބުނު އެހެނިހެން އާމްދަނީ: 1.9 ބިލިޔަން ރުފިޔާ (%12.3 ގެ ކުރިއެރުމެއް)

މީގެ އިތުރުން، ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު %77 ގެ ބޮޑު ކުރިއެރުމެއް ހޯދައި، 515 މިލިޔަން ރުފިޔާއަށް އަރާފައެވެ. މި ހުރިހާ ދާއިރާތަކުންވެސް އާމްދަނީ އިތުރުވެފައިވުމަކީ ދައުލަތުގެ މާލީ ހާލަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

މިއަދު އޮންލައިން