މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު، ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، ވިލިމާލެއިން ގުޅިފަޅަށް ބުރިޖުން ގުޅާލުމުގެ އެންމެ ފަހު ސެގްމަންޓްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީާ ބެހޭ ވުޒާރާއިން އަމާޒުހިފައިފިއެވެ.
މުޅި މަޝްރޫޢުގެ ދަށުން 6.7 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރަމުންދާއިރު، މީގެ ކުރިން އޮގަސްޓް މަހުގެ ފަހު ހަފުތާގައިވަނީ މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތްތަކެވެ.
ދައުލަތުގެމީޑިއާއަށްއަށް މައުލޫމާތު ދެއްވަމުން ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިހާރު ބާކީ އޮތީ އެންމެ ސެގްމަންޓެއްގެ މަސައްކަތް ކަމަށާއި، މިމަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅުވައިދޭ މި ސެގްމަންޓްތަކަކީ، ގުޅިފަޅުގެ ސައިޓްގައި ޕްރީ ފެބްރިކޭޓްކޮށްގެން ގެނެސް އިންސްޓޯލްކުރަމުންދާ ބައިތަކެކެވެ.
ވިލިމާލެއިން ގުޅިފަޅަށް ދަތުރުކުރާ މި ބުރިޖުގެ ދިގުމިނުގައި ގާތްގަނޑަކަށް 750 މީޓަރު ހުންނައިރު، މި ބުރިޖު ދެން ގުޅިގެންދާނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހު ތިލަފުއްޓާ ކަމަށް މަޝްރޫޢުގެ މަޢުލޫމާތުތަކުން ދައްކައެވެ.