މުދަލުގައި އަގު ނުޖަހާ ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މުދަލުގައި އަގު ނުޖަހާ ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެފި

ވިޔަފާރިކުރާ ތަންތަނުން ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ކަސްޓަމަރުންނަށް ސާފުކޮށް ފެންނާނެހެން އަގު ނުޖަހާ ވިއްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ދީފިއެވެ. އިޤްތިޞާދީ ވުޒާރާއިން މި އިންޒާރު ދީފައިވަނީ ފިހާރަތަކުން މުދަލުގެ އަގު ސާފުކޮށް އެނގެން ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ދިވެހިރާއްޖޭގެ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުދަލުގެ އަގު ސާފުކޮށް ނާންގައި އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އެހެންކަމުން، މިފަދަ ކަންކަން ހިނގަމުންދާ ގޮތް ގަވާއިދުން މޮނިޓަރކޮށް ބަލަމުން ގެންދާނެ ކަމަށާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ސާފުކޮށްދީފައެވެ. އެގޮތުން ބެލެވޭ މިންގަނޑުތަކަކީ:

- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ހަރުކޮށްފައި ހުރުން.

- މުދާ ބަހައްޓާފައި ހުރި ތަނެއްގައި އަގު ލިޔެފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް އެނގޭ ގޮތަށް ހުރުން.

މިކަމާ ގުޅިގެން ހުރިހާ ވިޔަފާރިވެރިންވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ކަސްޓަމަރުންނަށް މުދަލުގެ އަގު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން