ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެމްއެމްއޭއިން 5 ރުފިޔާގެ އައު ނޫޓު ސްޓޮކެއް މާދަމާ ދައުރުކުރަން ފަށާނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވީ، މިހާރު ދައުރުވަމުންދާ ނޫޓުތައް ބާވެ ހަލާކުވުމާއި، ބޭންކުތައް މެދުވެރިކޮށް ނޫޓު އަނބރާ ޖަމާވާ މިންވަރު މަދުވުމުގެ ސަބަބުން ސްޓޮކް ދަށްވެފައިވާ ކަމަށެވެ. "ރަން ދިހަފަހެއް" ނޫޓު ސީރީސްގެ 5 ރުފިޔާގެ ނޫޓެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ.
މާދަމާ ނެރޭ އައު ސްޓޮކްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި މި އައު ނޫޓުތަކާ އެކު، މިހާރު ބޭނުންކުރަމުންދާ 5 ރުފިޔާގެ ނޫޓުތައްވެސް މުއާމަލާތްތަކުގައި ބޭނުންކުރެވެމުންދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.