މެންޓަލް ހެލްތު ހެލްޕްލައިން 1677 އަށް އިތުރު ފަސޭހަތަކެއް: ޗެޓް އެޕެއް ތަރައްގީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މެންޓަލް ހެލްތު ހެލްޕްލައިން 1677 އަށް އިތުރު ފަސޭހަތަކެއް: ޗެޓް އެޕެއް ތަރައްގީކުރަނީ

ނަފްސާނީ ހާލަތްތައް މެދުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ހޯދައިދިނުމުގެ ގޮތުން، ގައުމީ މެންޓަލް ހެލްތު ހެލްޕްލައިން 1677 ގެ ހާއްސަ ޗެޓް އެޕްލިކޭޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން، އެ ޑިޕާޓްމަންޓުގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާއިޝަތު ޝުޒާ ވިދާޅުވީ، ފޯނު މެދުވެރިކޮށް ވާހަކަދައްކަން ބައެއް ފަރާތްތަކުން ފަސްޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކާކުކަން އެނގިދާނެ ކަމުގެ ބިރަށްޓަކައި އިތުބާރު ކުޑަވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ ޗެޓުން ވާހަކަދައްކަން. މިހާރު އެފަދަ އެޕެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ،" ޝުޒާ ވިދާޅުވިއެވެ.

ކުރިން މި ހެލްޕްލައިން މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުން އައީ ކުއްލި ހާލަތްތަކުގައި ބޭނުންވާ އަވަސް އެހީތެރިކަން އެކަންޏެވެ. ނަމަވެސް، ނަފްސާނީ ގިނަ މައްސަލަތަކަކީ އެންމެ ފަހަރަކު ވާހަކަދައްކާލައިގެން ހައްލުވާ ކަންކަމަށް ނުވާތީ، ޚާއްސަ ކޭސް މެނޭޖްމަންޓް ސިސްޓަމެއްގެ ދަށުން އެފަދަ ފަރާތްތަކަށް މިހާރު ދަނީ އެހީތެރިކަން ދެމުންނެވެ.

މި ޗެޓް އެޕްލިކޭޝަން ތަރައްގީކޮށް ނިމުމުން، ނަފްސާނީ އެހީތެރިކަން ބޭނުންވި ނަމަވެސް ފޯނުން ގުޅައިގެން ވާހަކަދައްކަން އުނދަގޫވާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން