ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދުވަސްވަރަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެއް ކަމަށްވާ "އެލްނީނޯ" ގެ ދުވަސްވަރަކަށް ވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ، ވިއްސާރަވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދަނީ ވިއްސާރަކުރަމުންނެވެ. އަދި މިއަދުގެ ނިޔަލަށް ބަލާއިރު، އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.

މޫސުން ގޯސްވި ނަމަވެސް، ވައިގެ ބާރުމިން އާންމު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ އަންދާޒާކޮށްފައެވެ.

މީގެއިތުރުން، ވިއްސާރައާ ގުޅިގެން ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރުވެސް ވަނީ ދަށްވެފައެވެ. މެޓް އޮފީހުން ވިދާޅުވި ގޮތުގައި، އާންމު ހާލަތްތަކުގައި ދުރު ފެންނަ މިންވަރު 9 ކިލޯމީޓަރުގައި ހުންނަ ނަމަވެސް، ވިއްސާރައިގެ ސަބަބުން މިވަގުތު ދުރު ފެންނަ މިންވަރު ވަނީ 7 ކިލޯމީޓަރަށް ދަށްވެފައެވެ.

އެހެންކަމުން، ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

މިއަދު އޮންލައިން