ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އަސްކަރީ ބާރަކަށް ބަލަހައްޓަން ނުދޭނެކަމަށް ސަރުކާރުން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 38ސ
ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އަސްކަރީ ބާރަކަށް ބަލަހައްޓަން ނުދޭނެކަމަށް ސަރުކާރުން ބުނެފި

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މި ހުދޫދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ކުރަމުން އަންނަ ކަމެއްކަމަށް ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ސަރަޙައްދެއްގައި އޮތް ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށެވެ. އެހެންކަމުން މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި، ދުނިޔެއާއި މި ސަރަޙައްދުގެ ހަމަޖެހުމަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދެމުން އަންނަ އަގުހުރި ޚިދުމަތެއް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

ބަޔާނުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށާއި ސަރަޙައްދުގެ ހަމަޖެހުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހި ދައުލަތުގެ މިނިވަންކަމަށާއި ސިޔާދަތަށް އުނިކަން ލިބި، ސަރަޙައްދީ ސަލާމަތަށް އަސަރުކުރާނޭ ކަމެއް ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން އަރުވަމުން، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދައިން ބޭރުގެ ނުފޫޒަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.


ގުޅުންހުރި ބަޔާން:

ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެކެވެ. ހަމައެފަދައިން ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެކެވެ. މިދެންނެވި ހުދޫދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެކެވެ. މިކަމަށް ދިވެހި ތާރީޚު ހެކިދެއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ދިވެހިރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ޤައުމެކެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެކެވެ. އަދި މިމޭރުމުން ދުނިޔެއާއި މި ސަރަޙައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ދިވެހިރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއްވެސް މެއެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. މީގެ އިތުރުން، މި ސިޔާސަތަކީ މި ސަރަޙައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ދިވެހިރާއްޖެއިން ގެންގުޅޭ އެހާމެ މުހިންމު ސިޔާސަތެއް ވެސް މެއެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެކެވެ. އަދި މި ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެކެވެ. މިހެންވުމާއެކު، މިކަން މިގޮތަށް ނުކުރުމަކީ ދިވެހިސަރުކާރުގެ އަސާސީ ސިޔާސަތެކެވެ.

ވީމާ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގައި ދަންނަވަމެވެ. އަދި، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހިސަރުކާރުން އިލްތިމާސްކުރަމެވެ.

މިއަދު އޮންލައިން