އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި

ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވަމުންދާތީ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއެވެ. އެ ހުށަހެޅުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އަދި ފޭދޫ ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު ވަނީ ތާޢީދު ކުރައްވާފައެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގެ އިއްތިފާޤުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށާއި މަގުމަތީގެ ދަތުރުފަތުރާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޤަވާއިދާ ޚިލާފަށް ވެހިކަލް ދުއްވުން ޢާއްމުވުމަކީ އެކްސިޑެންޓުތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބުކަން ފާހަގަކުރައްވައި ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ނުބައި ފަޅިން ދުއްވިޔަސް މަގުމަތީގައި ހުންނަ ޓްރެފިކް ފުލުސް މީހާވެސް އަޅާނުލާ. އެ ހާލުގައި މިއޮތީ. ޓްރެފިކަށް ނެރޭ މީހާއަށް އެވަރު ކިޔާ ނުދެވެންޏާ އެއީ މައްސަލައެއް،" މެމްބަރު ނާޒިލް ވިދާޅުވިއެވެ.

ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށެވެ.

މިއަދު އޮންލައިން