އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޝަޙީމް ވަނީ މިސްކިތްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އެގޮތުން، ރަމަޟާން މަހާ ހަމައަށް ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާ 14 މިސްކިތުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވޭ ދާއިމީ 3 މިސްކިތެއް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މިސްކިތްތައް ހުޅުވިގެން ދިއުމާއެކު، ރަމަޟާން މަހު ނަމާދުކުރުމަށް ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.