ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން، ކުލި ނުދައްކައިގެން ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި އެ ޔުނިޓުތައް ހުސްކުރުމަށް އެ ފަރާތްތަކަށް އަންގައިފިއެވެ.
އެފްޑީސީން ބުނީ މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ކުއްޔަށް ދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ މުއްދަތެއް ދީ، ތަކުރާރުކޮށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
މި މުއްދަތުގެ ތེރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސްވެސް ވަނީ ފޮނުވާފައެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ފޯރުކޮށްދީފައިވާ ކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ.
އެކަށީގެންވާ ފުރުސަތުތައް ދިނުމާއެކو، ކަނޑައެޅުނު މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާތީ، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރުވަނީ އަންގާފައެވެ. އަދި މި ފިޔަވަޅާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސްވެސް ވަނީ ކަނޑާލާފައެވެ.
އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި ހުރިހާ ފަރާތްތަކެއްގެ މައްޗަށް އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމަށް މި ފިޔަވަޅު އެޅުނު ކަމަށް އެފްޑީސީން ހާމަކުރިއެވެ. މީގެއިތުރުން، ޢިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ޤަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.