މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ފާއިތުވި ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން، އޮގަސްޓު މަސް ނިމުނުއިރު 643.9 މިލިޔަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރީ 547.7 މިލިޔަން ޑޮލަރުގައެވެ. މިއީ ގާތްގަނޑަކަށް 14.9 އިންސައްތައިގެ ދަށްވުމެކެވެ.
މި ބަދަލާއެކު، ސީދާ ބޭނުންތަކަށް ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރި މިންވަރަށްވެސް ވަނީ ބޮޑު ދަށުވުމެއް އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓު މަހު 200.6 މިލިޔަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް، ސެޕްޓެމްބަރު މަހު ވަނީ 167.7 މިލިޔަން ޑޮލަރަށް ދަށްވެފައެވެ (މިއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ).
ރިޒާވް މި މިންވަރަކަށް ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރައްވަނީ، އެ މަހު ބޭރުފައިސާ ލިބުނު މިންވަރަށްވުރެ ބޭރުފައިސާ ވިއްކި މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ބޭރުފައިސާ ވިއްކި މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.