އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، ޠާރިޤު އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، ޠާރިޤު އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، ސަފީރު ޠާރިޤް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަރ-ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ ޝެރަޓަން ހޮޓަލުގައި ކުރިއަށްދާ އައިރީނާ ކައުންސިލްގެ 32 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ސަފީރު ޠާރިޤް އިބްރާހީމްގެ އަރިހުގައި، ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ފާޠިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފަތްކޮޅު އެރުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއެރުވުމުގައި އައިރީނާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ސަފީރު ޠާރިޤް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާ ރޭވުންތެރިކަމާއެކު ތަރައްޤީކުރުމަށާއި، ރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އައިރީނާއިން ދެމުންގެންދާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައިރީނާގެ ޑިރެކްޓަރ-ޖެނެރަލް ލާ ކެމެރާ ވަނީ ސަފީރު ޠާރިޤްގެ އައު ދައުރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އައިރީނާގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ގެންނަ ބަދަލުތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތްކުރުމަށް އައިރީނާއިން ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ޖޫން 2009 އިން ފެށިގެން އައިރީނާގެ މެންބަރު ޤައުމެކެވެ.

މިއަދު އޮންލައިން