ޗާލު ދިވެހިރާއްޖެ އެވޯޑު: އާންމުންގެ ވޯޓުލުން މާދަމާ ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޗާލު ދިވެހިރާއްޖެ އެވޯޑު: އާންމުންގެ ވޯޓުލުން މާދަމާ ހުޅުވާލަނީ

މުޖުތަމައު ތަރައްޤީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށްތަކުގެ އަގުވަޒަންކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ "ޗާލު ދިވެހިރާއްޖެ" އެވޯޑުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

މި އެވޯޑުގެ ދެވަނަ ބުރަށް ހޮވުނު ގަދަ 5 ރަށުގެ އިންސްޕެކްޝަނާއި އިވެލުއޭޝަން މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެގޮތުން ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ވަނީ އެ ރަށްރަށަށް ޒިޔާރަތްކޮށް، ދާއިރާތަކުން ރަށްތައް ވަޒަންކޮށް މާކްސް ދީފައެވެ.

މާދަމާ ފަށާ އާންމުންގެ ވޯޓުލުން ކުރިއަށްދާނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެއެވެ.

މި އެވޯޑުގެ އެންމެ ފަހުގެ ނަތީޖާ ކަނޑައެޅުމުގައި ފަނޑިޔާރުންގެ އިވެލުއޭޝަނަށް %60 މާކްސް ހާއްސަކޮށްފައިވާއިރު، ބާކީ %40 މާކްސް ކަނޑައަޅާނީ އާންމުން ދޭ ވޯޓުންނެވެ.

ޕީއެސްއެމުން ހާމަކުރި ގޮތުގައި މި އެވޯޑުގެ މައިގަނޑު މަޤުސަދަކީ ރަށްރަށުގެ ޤުދުރަތީ ރީތިކަން ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ރަށްރަށުގެ ކައުންސިލުތަކަށާއި ރައްޔިތުންނަށް ހިތްވަރުދިނުމެވެ. އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ރަށްތައް ހޮވުމުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން