އެއީ ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. ގޭގެ ޚަރަދުތައް ދެމީހުން ވެގެން ހިސާބުކޮށްފަ މަދުނުވާ ވަރަށް ކޮންމެ މަގަކުވެސް ފިރިމީހާ ފައިސާދެއެވެ. ބޮޑުކަމެއް ޖެހިގެން ބުނެފިނަމަ އެކަމެއްވެސް ކޮށްދެއެވެ.
އެދުވަހަކު އެކުވެރިއަކު ގެއަށް އައިސް އެދެމަފިރިން ދިރިއުޅޭ ފަޤީރުކަން ފާހަގަކޮށް ފުރައްސާރަކުރިއެވެ. އޭނާގެ ފިރިމީހާއަށްވެސް ލިބެނީ ދާދިއެއްވަރެއްގެ އާމްދަނީއެއް ކަމަށާއި ނަމަވެސް ގޭގެ ޚަރަދަށް މާގިނައިން ދޭކަމަށް ބުންޏެވެ.
އެދުވަހު ފިރިމީހާ ގެއަށް އައުމުން އެކުވެރިޔާ ދެއްކި ވާހަކަތައް ކިޔައިދީ އިތުރު ފައިސާއަށް އެދުމުން ފިރިމީހާ ބުނީ އޭނާއަކީ އެކުވެރިޔާގެ ފިރިމީހާ ނޫންކަމަށެވެ. ދެ ފިރިން އަޅުވައި ނުކިޔުމަށެވެ. އަދި އެކުވެރިޔާ އެދެއްކީ ތެދުވާހަކަ ނޫންކަމަށްވެސް ވެދާނެއެވެ. "ލޯބިވާ އަނބިމީހާއެވެ! ތިބާ ޚަރަދުކުރަން ވަކިވަރެއް ދިން ނަމަވެސް ދެންހުރި ފައިސާވެސް އެހުރީ ތިބާގެ އަތްފޯރާ ފަށުގައެވެ. ނަގައިގެން ޚަރަދުކުރަން ޖެހޭވަރުގެ ކަމެއް ޖެހިއްޖެނަމަ ހަމަ ޚަރަދުކުރަންވީއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ކޮށަލައިދޭންވީ ހަމައެކަނި ކަމަކީ ނަގާ ފައިސާ ޚަރަދުކުރާ ބޭނުން ބުނެލައިދިނުމެވެ."
ފިރިމީހާ ދެއްކީ ރަނގަޅު ވާހަކަކަން ވިސްނި އިތުރަށް އެވާހަކައެއް ނުދައްކައެވެ. އެހެން ހުރެފައި އެއްދުވަހު އަންގައިވެސް ނުލައި އެކުވެރިޔާގެގެއަށް ދިއައިރު އަނބިމީހާ ފައިސާއަށް އެދި ފިރިމީހާއަށް އާދޭސްކުރަނީއެވެ. ފިރިމީހާ ބުނަމުން ދިއައީ މިމަހަށްވެސް 10000 ރިޔާލަ ދީފިން ކަމަށާއި އިތުރަށް ނުދޭނެ ކަމަށެވެ.
ފިލައި އަޑުއަހަން ހުއްޓާ ފިރިމީހާ ގެއިން ނުކުމެގެން ދިއުމުން ބެލްޖަހައި ގެއަށް ވަދެ އެކުވެރިޔާއަށް ބުންޏެވެ. "އެކުވެރިޔާއެވެ! ތިއަ ދެއްކި ވާހަކަތައް އަޑު އިވިއްޖެއެވެ. ތިބާގެ ފިރިމީހާ ތިބާއަށް ދޭވަރުވެސް އެނގިއްޖެއެވެ. އެއަށްވުރެ ގިނައިން އަހުރެންގެ ފިރިމީހާ ދޭކަން އެނގިހުރެ ތިބާ ހެދީ ކިހައި ބޮޑު ދޮގުތަކެއް ހެއްޔެވެ؟ އުފެއްދީ ކިހާ ބޮޑު ފިތުނައެއް ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އަހުރެންގެ ފިރިމީހާއަށް ތިއަ ގޮތަށް އާދޭސްކުރާކަށް ދުވަހަކުވެސް ނުޖެހެއެވެ. އޭނާގެ އެކައުންޓުގައި ހުންނަ ފައިސާއޮޅުވައެއް ނުލައެވެ. ހުންނަނީ އަހުރެންނަށްވެސް ބޭނުންކުރެވޭނެ ގޮތަށެވެ. ވީމާ މީގެފަހުން ތިއަ ބާވަތުގެ ވާހަކައެއް ނުދައްކާށެވެ. އަދި އެހެން އެކުވެރިންގެ ގޭގެއަށް ގޮސްވެސް ތިއަ ބާވަތުގެ ދޮގުވާހަކަތައް ނުދައްކަން ނަޞީޙަތްތެރިވަމެވެ. އަހުރެން އައި ބޭނުން ވަރަށް ރަނގަޅަށް ފުދިއްޖެއެވެ. ދެން މިދަނީއެވެ."
ލޮބުވެތި އެކުވެރިންނޭވެ! މިބާވަތުގެ މީހުން ގިނަވެއްޖެއެވެ. މިބުނަނީ ދެމަފިރިން އެކުގަ ލޯބިން އުޅެން އެހީތެރިވުމުގެ ބަދަލުގައި ފިތުނަ އުފައްދުވާ މީހުންގެ ވާހަކައެވެ. ފިރިންގެ ތެރޭގައިވެސް އަނބިންގެތެރޭގައިވެސް ގިނަވެއްޖެއެވެ. ދިރިއުޅުން ސަލާމަތްކުރެވޭނީ މިބާވަތުގެ މީހުންނަށް ސަމާލުކަން ދެވުނުވަރަކުންނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް