އަހުރެން ފަށާނީ މިޘާލަކުންނެވެ. ތިބާ އޮފީހުގައި ކުރާ ހުރިހާ ކަމެއް އަނބިމީހާއަށް އެނގޭނެ ގޮތަށް ކެމެރާ ހަރުކޮށްފަިވާނަމަ ކެބިންގައި ހިލޭ އަންހެނުން ގެންގުޅޭނަން ހެއްޔެވެ؟ ތިބާ ކުރާ ހުރިހާ ކަމެއް ފުލުހުންނަށް އެނގޭނެނަމަ ކުށެއް ކުރާނަން ހެއްޔެވެ؟ މިގޮތަށް ސުވާލުތައް ގިނަކުރެވިދާނެއެވެ. އެކަމަކު މިވަރުންވެސް ފުދޭނެއެވެ. ޖަވާބަކީ ކުށެއް ނުކުރާނެއެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިބާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމެކެވެ. ތިބާކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަމާއި އެކަންކަން ތިބާގެ ފަތުގައި މަލާއިކަތުން ލިޔުއްވަވާކަން ތިބާ ޤަބޫލުކުރާއިއރު ފާފަތައް ތިއަކުރަނީ ޢަޛާބަށް ބިރުވެތިނުވެވޭތީ ނޫން ހެއްޔެވެ؟
ދެން ބަލައިލަންވީ ނަމާދަށެވެ. ނަމާދުގައި ތިބާ ހުއްޓިހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ތިބާ ކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ކިޔާ ތަކެތި ކިޔާ ގޮތްވެސް އައްސަވައި ވޮޑިގެންވެއެވެ. އެކަން ޤަބޫލުކުރާއިރު ޚުޝޫޢަތްތެރިވާން މަސައްކަތްނުކޮށް، ކިޔަންޖެހޭ ތަކެތި ފުރިހަމައަށް ނުކިޔައި ނަމާދު ތިއަކުރަނީ އެކަމުން ކޮންފައިދާއެއް ލިބޭނެ ކަމަށް ހެއްޔެވެ؟
ޚުލާޞާއަކީ ޢަމަލުތައް އިޞްލާޙްކުރެވޭނީވެސް، ފާފަނުކޮށް ހުރެވޭނީވެސް އަދި ފުރިހަމަ ގޮތުގައި ނަމާދުކުރެވޭނީވެސް ތިމާއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތަށް އިޙްޞާޞްކުރުވިގެންނެވެ. ހުރިހާވެސް މައްސަލައަކީ އެކަން އިޙްޞާޞް ނުކުރެވޭ ކަމެވެ.
ޒުވާނަކު ގޮސް އިމާމް ޙަސަނުލްބަޞަރީގެ އަހުގައި ދެންނެވިއެވެ. ފާފަކުރުން ހުއްޓައިލެވޭނެ އެންމެ ފަސޭހަގޮތެއް ވިދާޅުވެދެއްވާށެވެ. ޖަވާބުގައި ވިދާޅުވީ ކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތަށް އަރުވައިގެން ކޮންމެ ކަމެއްވެސް ކުރުމަށެވެ. މިއީ މިދެއްކި ވާހަކަތަކުގެ ޚުޅާޞާއަކަށް ނުފުދޭހެއްޔެވެ؟
- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން