ހިތުގަ އެއްވެސް މީހަކަށް ޙަސަދަލައިގެން ހުރުމަކީ ގިނަ ބައަކަށް ސުވަރުގެ ނުވަދެވިދާނެ އެންމެ ބޮޑު ބެއްކަން ޙަދީޘުން އެނގެން އެބައޮތް!

ކިޔުމަށް ހޭދަވާނީ 3މ 59ސ
ހިތުގަ އެއްވެސް މީހަކަށް ޙަސަދަލައިގެން ހުރުމަކީ ގިނަ ބައަކަށް ސުވަރުގެ ނުވަދެވިދާނެ އެންމެ ބޮޑު ބެއްކަން ޙަދީޘުން އެނގެން އެބައޮތް!

ޢާއިޝަތު ރަފާޙް ޢަލީ

 

ގިނަ ބައެއްގެ ޙާލަތަށް ބަލައިފިނަމަ އެމީހުން ތިބެނީ ކޮންމެވެސް މީހަކަށް ޙަސަދަ ލައިގެންނެވެ. އެކަމުން ތިމާއަށް ލިބެން އެންމެ ބޮޑު ދެރައަށް ވިސްނައިލަނީވެސް މަދުމީހެކެވެ. ވީމާ މިއީ ހޭލުންތެރިވާންޖެހިފައި އޮތް ކަމެކެވެ.  

ޙަސަދަވެރިވުމަކީ ސުވަރުގެ ލިބުމަށް އޮތް ހުރަހެކެވެ. އެހެނީ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ޙަސަދަވެރިކަމަކީ އަލިފާން ދަރު އަންދާފަދައިން މީހާގެ ހެޔޮ ޢަމަލުތައް އަންދައިލާ ކަމެކެވެ. އެހެންކަމުން ސުވަރުގެ ހާސިލް ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ޙަސަދަވެރިކަމުން ދުރުހެލިވުން ހިމެނެއެވެ.

ޙަސަދަވެރިކަމަކީ މީހަކަށް ލިބިފައިވާ ނިޢުމަތެއް ފިލާދިޔުމަށް އުއްމީދުކުރުމެވެ. އެކަމަށް ޢަދާވވާތްތެރިވެވުމެވެ. މިއީ މުސްލިމަކު ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.  

ނިސާ ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

﴿أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا﴾

މާނައީ: "ނުވަތަ ﷲގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެއިލާހު މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އިބްރާހީމުގެފާނުގެ އާލުންނަށް ފޮތާއި ޙިކުމަތް ތިމަންއިލާހު ދެއްވީމެވެ. އަދި ބޮޑުވެގެންވާ ވެރިކަމެއް، ތިމަންއިލާހު އެއުރެންނަށް ދެއްވީމެވެ." 

އަޅުގަނޑުމެންނަށް ޔޫސުފްގެފާނުގެ ވާހަކައަށް ބެލުމުން އެނގޭ ގޮތުގައި ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނަށް އެފަދައިން ކަންތައް ކުރީ ޙަސަދަވެރިކަން އައިސްގެންކަމެވެ.  

މީގެ އިތުރުން ޔަޢްގޫބްގެފާނުވެސް ޔޫސުފްގެފާނަށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު  ޔޫސުގެފާނުގެ އަޚުންނަށް ކިޔައިނުދެއްވުމަށް ވިދާޅުވެފައިވެއެވެ. 

އެވާހަކަ ޔޫސުފް ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ‎﴿٥﴾‏

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. (5)" 

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  

لاَ تَحَاسَدوا، وَلاَتَنَاجَشوا، وَلاَ تَبَاغَضوا، وَلاَ تَدَابَروا

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ." 

ޙަސަދަވެރިކަން ހިތުގައި އުފެދިއްޖެނަމަ އެމީހެއްގެ ހިތުން ޙަސަދަ ފިލުވާލުމަށްޓަކައި މަސައްކަތް ކުރަން ވާނެއެވެ. މުސްލިމުންނަކީ އަބަދުވެސް އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު އުޅެން ޖެހޭނެ ބައެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން