ސުންނަތް ރޯދަހިފުމަށް ފަސްޖެހޭ މީހުން ނިކަން ސައިންސްވެރިން މިވާހަކަތައް އަޑުއަހާލަބަލަ! އެއީ ތިމާގެ ޞިއްޙަތަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަން ޔަޤީންކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ސުންނަތް ރޯދަހިފުމަށް ފަސްޖެހޭ މީހުން ނިކަން ސައިންސްވެރިން މިވާހަކަތައް އަޑުއަހާލަބަލަ! އެއީ ތިމާގެ ޞިއްޙަތަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަން ޔަޤީންކުރެވޭނެ!

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ސުންނަތްވެފައި އޮތްއިރުވެސް ޜޯދަހިފަނީ މަދުބައެކެވެ. ސުންނަތް ރޯދަހިފާ މީހުންގެ ތެރޭގައިވެސް ކިރިޔާ ކަމެއް ދިމާވާއިރަށް ރޯދަނުހިފާ މީހުން ތިބެއެވެ.  

ބައެއް މީހުންގެ ޢުޛުރަކީ ކޮންމެވެސް ބޭހެއް ކާންޖެހޭ ކަމެވެ. އެމީހުންގެ ގާތުގައި ރަމަޟާންމަހުވެސް ރޯދަނުހިފަނީތޯ ސުވާލުކުރުމުން ބުނަނީ ރަމަޟާން މަހު ރޯދަހިފާކަމަށެވެ. ބޭސްކަނީ ރޭގަނޑު ކަމަށެވެ. ސުވާލަކީ ސުންނަތް ރޯދަހިފާ ދުވަސްތަކުގައި އެގޮތަށް ކަންތައް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟  

ރަނގަޅަށް ވިސްނައިލާށެވެ! ފަރުޟް 5 ނަމާދުކޮށް ރަމަޟާން މަހު ރޯދަހިފަނީ ވާޖިބަކަށްވާތީއެވެ. ނުކޮށް ވާންނެތީމައެވެ. ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ސުންނަތް އަދާކުރާނެއެވެ. މާނައަކީ ސުންނަތް ނަމާދުތައްކޮށް ސުންނަތް ރޯދަހިފާނެއެވެ. ސުންނަތާ ދުރުހެލިވެވެނީ ހިތުގައި ﷲ ތަޢާލާއަށް ލޯބިކުޑަވުމުންނެވެ.  

ރޯދަހިފުމުން ތިމާގެ ޞިއްޙަތަށް ބޮޑެތި ފައިދާތައްކުރާކަން މިއަދު އެބަޔާންކުރަނީ ސައިންސްވެރިންނެވެ. ޑޮކްޓަރުންނެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

"މުސްލިމުންނާ އެހެންވެސް ބައެއް ދީންތަކުގެ މީހުން މީލާދިން 5،6 ވަނަ ޤަރުނުގައި ރޯދަ ހިފައި އުޅެންފެށީ ސައިންސުގެ ތެރެއިން އެއްވެސް ކަމެއް އެނގިގެން ނޫންނަމަވެސް އެމީހުން ކުރަމުން އަންނަނީ ޞިއްޙަތަށް ވަރަށް ފައިދާހުރި ކަމެކެވެ.

ކޮންމެ ހަފްތާއަކުވެސް ރޯދަ ހިފާނެ ދުވަސްތަކެއް ކަނޑައަޅާށެވެ. މުޅި ދުވަހު ރޯދަހިފަން އުނދަގޫވާ މީހުން ރޯދަހިފާނެ ގަޑިތަކެއް ކަނޑައަޅައި ކެއުމާއި ދުރުހެލިވާށެވެ. ގޮހޮރަށް ޗުއްޓީދޭށެވެ. ހަކުރު ބައްޔާއި އެހެންވެސް ގިނަ ބަލިތަކަކުން ސަލާމަތްވުމަށް އެހީތެރިވެދާނެއެވެ. އަދި ކީއްހެއްޔެވެ؟ ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރި، ބަނޑު ހިނދި، ހިކެންވެސް އެހީތެރިވެދޭނެއެވެ."  

މިއީ ސައިންސްވެރިން އެންމެފަހުން ހާމަކުރި ލިޔުމެއްގައި ބުނެފައިވާ ބައެއް ވާހަކަތަކެވެ. މިއީ މުޅިން އައު ވާހަކަތަކެއް ނޫނެވެ. އެކި ފަހަރުމަތިން ސައިންސްވެރިން ދައްކަމުން އައިސްފައިވާ ބައެއް ވާހަކަތަކުގެ ކުރު ޚުލާޞާއެކެވެ. ކަމުގެ މުހިންމުކަން އެނގިހާމަވާންފެށުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރަނީއެވެ.  

ރޯދަ ހިފުމުން ކުރާނެ ފައިދާ ސައިންސްވެރިންނަށް ނުއެނގި މިހައިތަނަށް ލަސްވިނަމަވެސް ރޯދަފަރުޟުކުރެއްވެވި ﷲ ތަޢާލާ އެކަން މޮޅަށް އަބަދުވެސް ދެނެވޮޑިގެންވެއެވެ. ރޯދައިގެ ތާރީޚު އެމީހުން މީލާދީން 5،6 ވަނަ ޤަރުނާއި ގުޅުވިނަމަވެސް މުސްލިމުން ރޯދަހިފަން ފެށީ އެއިގެ މާކުރިންނެވެ.   

ދާވޫދުގެފާނު ރޯދަހިއްޕެވިއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ރޯދައަކީ ދާވޫދުގެފާނު ހިއްޕެވި ރޯދައެވެ. ދާވޫދުގެފާނު އެފަދައިން ރޯދަހިއްޕަވާނީ ﷲ ތަޢާލާގެ ޙަމްރަތުން އެކަން އިލްހާމްވެވަދައިގަތުމުންނެވެ. (އެންގެވުމުންނެވެ.) އަދި އެކަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަންގަވައި ދެއްވެވީ ﷲ ތަޢާލާއެވެ.  

ދާވޫދުގެފާނު ދުނިޔޭގައި އުޅުއްވެވި އަހަރުތައް ކަމަށް ތާރީޚު ފޮތްތަކުގައި ބުނަނީ 970-1035 ބީސީއީ އެވެ. ވީމާ ޔަޤީން މިވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަ ދުނިޔެއަށް ފޮނުއްވެވުމުގެ އެތައްހާސް އަހަރެއް ކުރިންވެސް މުސްލިމުން ރޯދަ ހިފިކަމެވެ. އަދި ރޯދަހިފީ ﷲ ތަޢާލާގެ އެންގެވުމަށް ކަމެވެ.

ދެންބަލައިލަންވީ ކޮންމެ ހަފްތާއަކުވެސް ރޯދަ ހިފަން ސައިންސްވެރިން އެބުނާ ބުނުމަށެވެ. މުސްލިމުން މިގެންދަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު ރޯދަ ހިފަމުންނެވެ. ސައިންސްވެރިންގެ މިފަދަ ކޮންމެ ވާހަކައަކުން އެނގިޔަޤީންވަނީ އިސްލާމް ދީނުގެ މަތިވެރިކަމެވެ. އިސްލާމް ދީނަށްވުރެ ކުރިއަރައިގެން ސައިންސްވެރިންނަށް ނުދެވޭނެ ކަމެވެ.

 

- ދީނާ ގުޅުންހުރި މަޢުލޫމާތު: ޝައިޚް މުޙައްމަދު މޫސާ

މިއަދު އޮންލައިން