ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އެނގެނީ ސުވަރުގެއިން ގިނައިން ފެނިވަޑައިގަތީ ނިކަމެތި ފަޤީރުންކަމެވެ. މިކަމުން އެނގެނީ ނިކަމެތިވެފައި ފަޤީރުވުމުން އެމީހަކަށް ބަލައިލާނެ އެކަކު ދުނިޔޭގައި ނެތަސް ﷲ ތަޢާލާ އެމީހުންނަށް ބައްލަވައިވޮޑިގެންވާ ކަމެވެ.
އެމީހުންނަކީ ދުނިޔޭގައި ބޯހިޔާވަހިކަމެއް ނުލިބުނު މީހުން ކަމުގައިވެދާނެއެވެ. ނަމަވެސް އެމީހުންނަށް ބޯހިޔާވަހިކަން ﷲ ތަޢާލާ ދެއްވަވާފައި އެވަނީ ސުވަރުގެއިންނެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ ގަނޑުވަރަކަށްވުރެ އެތައް ހާސް ގުނައަކަށް ފުރިހަމަ ތަނެކެވެ. ހަމައެއާއިއެކު އެމީހުންނަކީ ރިޒުޤަށް ދަތިވެ ހައިހޫނުކަމުގައި ދުވަސްތައް ހޭދަކުރި ބައަކަށްވެސްވެދާނެއެވެ. ނަމަވެސް ސުވަރުގެއިން އެމީހުންނަށް އެމީހަކު ހިތަށް އަރުވައިލި ކޮންމެ އެއްޗެއް ކާންބޯން ލިބޭނެއެވެ. އިމެއް ނެތިއެވެ. މީރުކަމުން ޙައްދެއް ނެތިއެވެ.
އަހުރެމެން ވިސްނާލަން އޮތީ އެންމެ ކަމަކަށެވެ. އެއީ ގެދޮރު ނެތުމާއި ފަޤީރު ޙާލުގައި އުޅެންޖެހުމަކީ އަދި ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫންކަމެވެ. ސުވަރުގެ ވައްދަވާނީ އީމާންވެ ހެޔޮ ޢަމަލުތައް ކުރުމުން ކަމެވެ. ފާފަތަކަށް ގިނަގިނަގިނައިން ތައުބާވުމުން ކަމެވެ. ވީމާ ސުވަރުގެ ވަނުމަށް އެދޭނަމަ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. އެކަމުގައި ޘާބިތުވެ ދެމިހުންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން