އެއީ ހެޔޮލަފާ އަންހެނެކެވެ. ތަޤްވާވެރިކަމުގައި ކުރިއަރާފައިވާ އަންހެނެކެވެ. ވަރިކޮށް ގެއިން ނެރެ ފޮނުވައިލީ 4 އަންހެން ދަރިން ވިހެއީތީއެވެ. ފިރިހެންދަރިއަކު ނުވިހައިގެންނެވެ.
އޭނާ ކިތަންމެހައިވެސް ދެރަވިއެވެ. ދެރަވީ އޭނާ ކުދިން ވިހެއިނަމަވެސް އެކުދިންގެ ޖިންސް ކަނޑައަޅަނީ އޭނާކަމަށްނުވާތީއެވެ. އެކަމަށް އެއްވެސް ބާރެއް އަދި އިޚްތިޔާރެއްވެސް ލިބިގެންނުވާތީއެވެ.
އެއީ ހިތްވަރުގަދަ އަންހެނެކެވެ. މައިންބަފައިންގެ ގާތަށް ދެވުމުން ހިތްވަރުކުރީ އަމިއްލައަށް މަސައްކަތެއް ކުރެވޭތޯއެވެ. ދަރިންބެލުމުގެ ބުރަ މައިންބަފައިންނަށް ނުޖެއްސުމަށެވެ. އޭނާއަކީ ފެޝަން ޑިޒައިނަރެކެވެ. އަމިއްލައަށް ފަހާ އަންހެނެކެވެ.
ޚާއްޞަ ޑިޒައިންތަކަށް ހެދުންފަހައި އޮންލައިންކޮށް ވިއްކަންފެށީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިޝްތިހާރުވެއްޖެއެވެ. ބޮޑުއަގުގައި ހެދުންވިކެން ފަށައިފިއެވެ. ކޮންމެ ދުވަހަކު ފައިސާލިބެން ފަށައިފިއެވެ.
ކުދިންނަށް ކިޔަވައިދިނެވެ. ޑިގްރީވެސް ޙާޞިލްކޮށްދިނެވެ. 4 ކުދިންވެސް ބޭނުންވީ މަންމަގެ ގާތުން މަސައްކަތް ދަސްކޮށްގެން މަންމައާއިއެކުގައި މަސައްކަތްކުރާށެވެ! ވަޒީފާ އަދާކުރުމަސްވުރެ ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ. މިއަދު އެފަސްމައިންގެ ބްރޭންޑަކީ އެމެރިކާގައި އެންމެ މަޝްހޫރު އެއްބްރޭންޑެވެ.
ދާދިފަހުން އެމަންމަ ޓީވީއަކަށް ދިން އިންޓަރވިޔުއެއްގައި ބުނެފައިވެއެވެ. "އަހުރެންގެ 4 ދަރިންނަކީ އަހުރެންގެ ކާމިޔާބީގެ ސިއްރެވެ. އަހުރެމެން ނިކަމެތިކޮށްލެވުނުކަން އެއީ ހުޅުއްވަވައި ދެއްވެވި ރަހްމަތުގެ އެންމެ ބޮޑު ދޮރެވެ. މަސައްކަތް ފެށެން މެދުވެރިވި ސަބަބަކީ އެ 4 ކުދިން ލިބުން ކަމަށްވާތީއެވެ."
މިއަދު އެ 5 މައިންނަކީ މިލިއަނަރުންނެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ 5 މައިންނެވެ. ކައިވެނިކޮށް ތަނަވަސްކަމުގައި އުޅެމުން އަންނަ 5 މައިންނެވެ.
- މިއަދުނޫސް