ބައެއް މީހުން އަނބިމީހާ ވަރިކުރުމަށްފަހު ދެރަ ދިނުމުގެ ގޮތުންވެސް ދަރިފުޅު އެބަ އަތުލައެވެ. ތަނަވަސްކަން ހުރެފައި އާރާއި ބާރު ހުރިނަމަ އެކަންކަން ކޮންމެވެސް ގޮތަކުން ކާމިޔާބު ކުރެއެވެ. އަޅުގަނޑުގެ ސުވާލަކީ މިއީ ހަމަ ހުއްދަ ގޮތެއްތޯއެވެ؟
ސުވާލުކުރެވި ކިޔުންތެރިޔާއަށް ތިރީގައިވާ ލިޔުންކޮޅުނަ ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ޙަދިޘްފުޅުގައި އޮތީ މިފަދައިންނެވެ!
"މައިންނާ ދަރިން ވަކިކުރުވާ މީހުން، އެންމެ ލޯބިވާ މީހާ އާއި ޤިޔާމަތް ދުވަހު ﷲ ދުރުކުރައްވަވާނެތެވެ!" (ޙަދިޘް/ ތިރުމިޛީ)
މި ހަދީޘްފުޅު ބަޔާންކޮށްދެއްވަމުން ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވީ ޙަދީޘްފުޅުގެ މާނައަކީ އެމީހަކު ދުނިޔޭގައި އެންމެ ލޯބިވި މައިމީހާ، އަނބިމީހާ ފަދަ މީހާ އާއި އެމީހަކާއި ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދުރުކުރައްވަވާނެ ކަމެވެ.
ތަޤްވާވެރި މައިންގެ އަތުން ދަރިން އަތުލައި ދުރުކުރުވުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ނަމަވެސް މައިމީހާގެ ކިބައިގައި ތަޤްވާވެރިކަން ނެތުމުން، ދަރިފުޅު މަގުފުރެދިގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރެވިއްޖެ ޙާލަތުގައި ދީނީ ޢިލްމުވެރިންގެ ލަފާ ހޯދައިގެން ޢަމަލުކުރުމަކީ ތަފާތުކަމެކެވެ.
ގިނަ ފަހަރު މައިމީހާގެ އަތުން ދަރިން އަތުލަނީ ވަރިކުރުމަށްފަހު އޭނާ ދެރަކޮށް ހިތްދަތިކޮށްލުމުގެ ގޮތުންނެވެ. އޭނާއަށް އެކަމުން އަޅާނެ ވޭން ބޮޑުވާނެތީ އަނިޔާކުރުމުގެ ގޮތުންނެވެ. އެފަދަ ވިސްނުމުގައި ކަންތައްތައް ކުރާ މީހުން މި ޙަދީޘްފުޅަށް ބިރުވެތިވުން ހުއްޓެވެ!
ހަމައެއާއިއެކު ވަރިކުރީތީ ފިރިމީހާ ދެކެ އަންނަ ރުޅީގައި ބައްޕައަށް ދަރިން ނުދައްކާ މައިންވެސް ތިބެއެވެ. ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެފަދަ މައިންނަށްވެސް އެކަމުގެ ޖަޒާ ޤިޔާމަތްދުވަހު ދެއްވަވާނެ ކަމަށެވެ. ވީމާ ދެމަފިރިން ވަކިވިއިރު ދަރިން ތިބިނަމަ އެކަމުގައި ދެމީހުންވެސް ޢަދުލުވެރިވާންވާނެއެވެ.
--މިއަދުނޫސް