އެހީއަކަށް އެދުމުން ދޭން ބޭނުންނުވާތީ އަތުގަ ފައިސާހުރެވެސް ނެތްކަމަށް ބުނެ ދޮގުހެދުމަކީ ނުދިނުމަށްވުރެވެސް ބޮޑުފާފައެއް! ތަނަވަސް މީހުން ނިކަމެތިކުރައްވަވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެހީއަކަށް އެދުމުން ދޭން ބޭނުންނުވާތީ އަތުގަ
ފައިސާހުރެވެސް ނެތްކަމަށް ބުނެ ދޮގުހެދުމަކީ ނުދިނުމަށްވުރެވެސް ބޮޑުފާފައެއް!
ތަނަވަސް މީހުން ނިކަމެތިކުރައްވަވާ ސަބަބެއް!


ތިބާގެ އަތުގައި އޮތް އެންމެ ވަކިލާރިފޮތިވެސް، އަދި އަތުގައި މިލިއަނުން ހުރި ފައިސާ ވެސް ދެއްވެވީ ހަމަ ﷲ ތަޢާލާއެވެ! ދެއްވެވި ފަދައިން އަނބުރައި ގެންދެވުމަކީ ނުވަތަ ނެތިކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެ ވޮޑިގެންވާކަން ހިތަށް ގެނެސް ބިރުވެތިވާށެވެ!

މިއީ ﷲ ތަޢާލާ އެމީހަކަށް ތަނަވަސްކަން ދެއްވަވާފައިވާ ކޮންމެ މީހަކުވެސް ވިސްނައި ބިރުވެތިވާނެޖެހޭނެ ކަމެކެވެ. ތިމާގެ ކިބައިގައި ފުދުންތެރިކަން ހުރެމެ، މީހަކު ކަމަކު އެދުމުން އެކަން ކޮށްދޭނެ ފުދުންތެރިކަން ނެތްކަމަށް ބުނެ ބައެއް މީހުން ދޮގުހަދައެވެ. އެއީ ކުރާ ވަރަށް ބޮޑު ކުށެކެވެ! ވަރަށް ބޮޑު ފާފައެކެވެ!  

ކަމަކު އެދުނު މީހާގެ ޙާލަތުވެސް ﷲ ދެކެދެނވޮޑިގެންވާ ފަދައިން އެދެވުނު މީހާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކައުންޓުގައާއި ގޭގެ ތިޖޫރީގައާއި ވޮލެޓުގައި އެނޫންވެސް ތަންތަނުގައި ހުރި ވަކިލާރީގެ ޢަދަދުވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ! 

އެހީވެދޭން ބޭނުން ނޫން ނަމަ އެކަން ރީތިބަހުން ބުނާށެވެ! އެއިރުން ދެއްވަވާނީ ހަމައެކަނި ޞަދަޤާތް ނުކުރިކަމުގެ ޖަޒާއެވެ! ނަމަވެސް އަތުގައި ހުރެމެ ނެތްކަމަށް ބުނުމުން ދޮގުހެދި ކަމުގެ ފާފަ އިތުރުވެގެންދާނެއެވެ! އަދި އެއިރުން އެ ލިބިގަނެވެނީ ފާފަ މަތިމައްޗަށެވެ!  

ދަހިވެތިކަން ބޮޑުވުމުން ނިކަމެތި ކުރެއްވެވީ ކިތައް މީހުން ކަމާއި އަދި ދީލަތްތެރިކަން އިތުރު ކުރެއްވެވުމުން ތަނަވަސްކަން އިތުރުކޮށް ދެއްވެވީ ކިތައް މީހުންނަށް ކަމާއިމެދުގައި ފުންކޮށް ވިސްނައިލާށެވެ! ބުއްދިވެރިންނަކީ ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާ މީހުންނެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން