ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރެވިފައިވާ ފެންހިންދާ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ ޤުދުރަތީ ވެއްޓާއި ކުޅި އަދި ކަނޑޫފާތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ހިންގާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ "އެންހާންސިންގ ކްލައިމެޓް ރެޒީލިއަންސް އެންޑް ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރަށަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، ފެންހިންދާ ނިޒާމު ތަރައްޤީކުރާއިރު ރަށުގެ ނާޒުކު ވެއްޓަށާއި ކުޅި އަދި ކަނޑޫފާތަކަށް ގެއްލުން ނުވާނެހެން ކަންކަން ރޭވުމުގައި ރައްޔިތުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
އެހެންކަމުން، މި މުހިންމު މަޝްރޫޢާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ޚިޔާލު ފާޅުކޮށްދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.