ރަސްމާލެ ތަރައްޤީކޮށް އެތަނުން ވިއްކާ ޕްރޮޕަޓީތަކުން ލިބޭ ބޭރުފައިސާ ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި އަދި ރާއްޖޭގެ ބޭންކުތަކުގައި ބަހައްޓަންޖެހޭ ކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑެތި މަޝްރޫޢުތަކަކީ ރާއްޖެއަށް ދިމާވެފައިވާ ބޭރުފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ދިވެހިންނަށް ސީދާ ފައިދާ ލިބިގެންދާނެ ކަންކަމެވެ. އޭރަބް އެމިރޭޓްސްއަށް ނިސްބަތްވާ އަލްއައްބާރު ވިދާޅުވީ، މި މަޝްރޫޢު ހިންގަނީ ހަމައެކަނި ވިޔަފާރީގެ ފައިދާއަށްވުރެ ބޮޑަށް، ލިބިފައިވާ ތަނަވަސްކަމުގެ ބޭނުން ހިފައި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
"ކޮޓަރިތަކާއި ހޮޓެލް އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ފައިސާ ދުބާއީއަށް ގެންގޮސް ބަހައްޓަންތޯ؟ އަޅުގަނޑު ދެކޭގޮތުގައި އެ ފައިސާ ބަހައްޓަންވާނީ މި ޤައުމުގައި،" އަލްއައްބާރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިކަމަށް ބޭނުންވާނީ އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށާއި، މިގޮތަށް ފައިސާ ރާއްޖޭގައި ބެހެއްޓުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށެވެ.