ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައިވެސް ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވިދާނެ މަސައްކަތެއް ކަމަށެވެ. އަދި ކޮންމެ ގެއެއްގައްޔާއި ގޯއްޗެއްގެ ތެރޭގައިވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، މާހައުލުގެ ފެހިކަން އިތުރުވެ، ވައި ސާފުވުމުގެ އިތުރުން ފައިދާހުރި ރަނގަޅު ކާނާ ހޯދުމަށް މަގުފަހިވެގެންދާނެ ފުރުޞަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ދާއިރާގެ ހުރިހާ ޚިދުމަތްތެރިންނަށް ތަހުނިޔާ އަރިސްކުރައްވަމުން، ކޮންމެ ދިވެއްސަކީވެސް ގަސްއިންދައި ހެއްދުމަށް ޝައުޤުވެރިވާ މީހަކަށް ވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ހަމައެއާއެކު، ގަސްގަހާގެހި ހައްދާއިރު ޞިއްޙީގޮތުން ރައްކާތެރި މިންގަނޑުތަކާއި ހަމަތައް ހިފެހެއްޓުމުގެ މުހިންމުކަންވެސް އެކަމަނާ ހަނދުމަފުޅުކޮށް އަރުވާފައިވެއެވެ.