ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ގެނައުމުގައި ދިމާވި ދަތިތައް މުޅިމަޑުން ޙައްލުވެފައިވާ ކަމަށާއި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްދަނީ ބެކްލޮގްގައި ހުރި ޕާސްޕޯޓްތައް ވީއེންމެ އަވަހަކަށް ނިންމައި ރައްޔިތުންނަށް ދޫކުރުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ އާންމު އުސޫލަށް ބަދަލުތަކެއް ގެންނަންޖެހުނީ، ރާއްޖެއަށް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ފާއިތުވެދިޔަ 10 އަހަރުވެސް ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދެމުން އައީ އެ ކުންފުނީގެ ފަރާތުންނެވެ.
އެ ދުވަސްވަރު ދިމާވި ދަތިތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ އާންމު އުސޫލަށް ބަދަލުގެނެސް، ކުއްލި ޙާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީފައެވެ. އަދި އޭގެ އިތުރުން، ދޫކޮށްފައިހުރި ޕާސްޕޯޓްތަކުގެ ތެރެއިން މުއްދަތު ހަމަވާން ކައިރިވެފައިވާ ފަރާތްތަކުގެ ޕާސްޕޯޓްގެ މުއްދަތު އިތուրކޮށްދިނުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަވައިދެއްވާފައިވެއެވެ.
ނަމަވެސް، މިހާރު އެ ހުރިހާ ދަތިތަކަކަށް ނިމުން އައިސްފައިވާ ކަމަށާއި، ބުކްލެޓް ލިބުމުގައި އެއްވެސް ދައްޗެއް ނެތްކަން އިމިގްރޭޝަނުން ފާހަގަކުރައްވައެވެ. މި ބަދަލާއެކު މިހާރު ކުރަމުންދާ މައިގަނޑު މަސައްކަތަކީ، މެޝިން މަރާމާތުކުރަން ޖެހުނު މުއްދަތުގައި ހުށަހަޅައި، ނުނިމި ޕެންޑިންގައި ހުރި ޖުމްލަ ޕާސްޕޯޓްތައް ވީއེންމެ އަވަހަކަށް ޕްރިންޓްކޮށް ދޫކުރުން ކަމަށް އެ މުވައްސަސާއިން މަޢުލޫމާތު ދެއްވައެވެ.