ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފެށުމަށްޓަކައި، އެ ސިޓީގައި މިއަދު ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައި މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.