މާލޭގައި ބަނގުރާ ވިއްކަމުންދިޔަ ބޮޑު ނެޓްވޯކެއް އަތުލައިގަނެ، އިސް މީހާ 15 ދުވަހަށް ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މާލޭގައި ބަނގުރާ ވިއްކަމުންދިޔަ ބޮޑު ނެޓްވޯކެއް އަތުލައިގަނެ، އިސް މީހާ 15 ދުވަހަށް ބަންދުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ އެތެރެކޮށް، ވިޔަފާރިކުރަމުންދިޔަ ބޮޑު ނެޓްވޯކެއް އަތުލައިގަނެ، އެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ނެޓްވޯކުން މާލޭގައި ބަނގުރާ ވިއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ބިދޭސީންތަކެއް ބޭނުންކޮށްގެންނެވެ. މި އޮޕަރޭޝަންގެ ތެރެއިން ހެންވޭރު ގެއެއް ބަލައިފާސްކޮށް، ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލައާ ގުޅުންހުރި ބަންގްލަދޭޝްގެ ތިން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި ނެޓްވޯކާ ރަޝްވާނާ ގުޅުންވާކަން ފުލުހުންނަށް އެނގުނީ، ބަނގުރަލުގެ މައްސަލައެއްގައި ހުއްޓުވި ދެ ބިދޭސީއަކު ދިން މައުލޫމާތުގެ މައްޗަށެވެ. އެ މީހުން ބުނެފައިވާ ގޮތުގައި، އެއީ ރަޝްވާންގެ މުވައްޒަފުން ކަމަށާއި، ބަނގުރަލުގެ ވިޔަފާރި ހިންގަމުންދިޔައީ އޭނާގެ އަމުރަށް ކަމަށެވެ.

ބަންދު މަޖިލީހުގައި ރަޝްވާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައި ނޫން ފުލުހުން ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދުނު ނަމަވެސް، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ކޯޓުން ނިންމީ ކަފާލާތުގެ ދަށުން އޭނާ ދޫކުރެވެން ނެތް ކަމަށެވެ.

މިއަދު އޮންލައިން