ރާއްޖޭގެ ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރާ މަންޒަރު ފެނުމަކީ ރާއްޖޭގައި ހެދިބޮޑުވާ ޖީލުތަކުގެ ހިތުގައި މިސްކިތްތަކަށް އޮންނަ ޤަދަރު އުފުލިގެންދާނެ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކު މިހެން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" ގެ ނަމުގައި ޚާއްސަ އިނީޝިއޭޓިވެއް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ކަންކަމުގައި ކުންފުނިތަކުން އަމަލީގޮਤުން ބައިވެރިވުމަކީ ޖީލުތަކަށް އޭގެ ވަރަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
"މިސްކިތުގެ ކުނިކޮޅު ބޭރުކޮށްލުމަކީވެސް ވަރަށް ސަވާބު ލިބޭނެ ކަމެއް. މިކަން ކުރިއަށް ދާނީ އުރީދޫއާ ކައުންސިލާ ގުޅިގެން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ދީނީގޮތުން މިސްކިތްތައް ބެލެހެއްޓުމަށް މަތިވެރި މަޤާމެއް ދެވިފައިވާކަން ފާހަގަކުރައްވަމ؛ް، މިސްކިތް ފަންޑާއި، ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން ފެށުމާއި، އަދި "މުޝްޙަފު މާލްދީބު" ކުރިއަށްގެންދިއުން ފަދަ ޤައުމީ ގިނަ މަސައްކަތްތަކުގައި އުރީދޫއިން އަދާކޮށްފައިވާ މުހިންމު ދައުރު ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިފަދަ ކަންކަމަށް އެ ކުންފުނިން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.