ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވީހާވެސް ގިނަ ދިވެހިން ދަނޑުވެރިކަމުގެ ސިނާއަތަށް ނެރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީ މީދޫގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ޤައުމަށް ކާނާގެ ޔަޤީންކަން ފުރިހަމައަށް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. މީދޫ އަކީ ގާތްގަނޑަކަށް 165 ދަނޑުވެރިން ހަރަކާތްތެރިވަމުން އަންނަ، ދަނޑުވެރިކަމުގެ ވަރުގަދަ މުޖުތަމަޢެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އެ ރަށުގެ ދަނޑުވެރިން މި ސިނާއަތުގައި އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ކާނާގެ ޔަޤީންކަން ހޯދުމަށް ކުރެވޭ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، އޭގެ ތެރެއިން އެންމެ ފުރަތަމަ ނާސަރީ ޤާއިމުވެގެންދަނީ އައްޑޫ މީދޫގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި ބަލަނީ ކޮމިއުނިޓީއާއިއެކު މަސައްކަތް ކޮށްގެން މުޅި ދިވެހިރާއްޖޭގައި ވަކިން ޚާއްސަކޮށް ލޯކަލް ކޮމިއުނިޓީ... ވީހާވެސް ގިނަ ދިވެހިން ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ބައިވެރިވާނެ ގޮތްތަކަކަށް ދަނޑުވެރިކަން އިމްޕްރޫވްކުރަން ބޭނުންވަނީ. ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވަން އަޅުގަނޑުމެން ބޭނުންވޭ،" ވަޒީރު ވިދާޅުވިއެވެ.