ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު: ފަތުރުވެރިކަމުގެ ތެރެއިން އުފެއްދުންތެރިންނަށް ފުރުސަތު ފަހިވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު: ފަތުރުވެރިކަމުގެ ތެރެއިން އުފެއްދުންތެރިންނަށް ފުރުސަތު ފަހިވަނީ

ރާއްޖޭގެ އުފެއްދުންތެރިންނަށް ފަތުރުވެރިކަމުގެ ސިނާޢަތް މެދުވެރިކޮށް ބައިނަލްއަޤްވާމީ އަދި ލޯކަލް މާކެޓް ހޯދައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ވަކިން ޚާއްސަކޮށް "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓެއް" ވަނީ ހިމަނާފައެވެ. މި ޑިސްޓްރިކްޓްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ރަށްރަށުގެ އަމިއްލަވަންތަކަމާއި (ޔުނީކް އައިޑެންޓިޓީ) އެ ރަށްތަކުގެ އުފެއްދުންތެރިކަން ފަތުރުވެރިންނަށް ދައްކާލައި، އެ ރަށްރަށް އިޝްތިހާރުކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މިހާރުވެސް 22 ރަށަކުން މި ޑިސްޓްރިކްޓުގައި ބައިވެރިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ ތަޖުރިބާގެ ތެރެއިން ޤައުމީ އުފެއްދުންތަކަށް ނަފާ ހޯދައިދިނުމަށްޓަކައި ސަރުކާރުން ވަނީ ކެބިނެޓް ފެންވަރުގައި "ވިޒިޓަރ އިކޮނޮމީ ކައުންސިލެއް" އުފައްދާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ކައުންސިލްގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފައިދާ ސީދާ ގޮތެއްގައި ދިވެހި އުފެއްދުންތެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މީގެއިތުރުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލްގައި ހުންނަ "އޮތެންޓިކް މޯލްޑިވްސް" ގެ ޖާގަ ބޮޑުކޮށް، ދިވެހި އުފެއްދުންތައް ފަތުރުވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން