ބިން ލިބިފައި އޮތް ނަމަވެސް، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ތިބި ރައްޔިތުންނަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކު ލޯނުގެ އިކުއިޓީއަށް ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ޙިއްސާކުރުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ހުޅުމާލެ ފޭސް 2 އިން ބިން ލިބި، ބޭންކު ޝަރުތުތައް ހަމަނުވުމުގެ ސަބަބުން އިމާރާތް ނުކުރެވި ހުރި ފަރާތެއްގެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ގެދޮރު އެޅުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ %5 ފައިސާ ހަމަޖެއްސުމަށް ޚާއްޞަ ސްކީމެއް ތައާރަފްކުރައްވާނެ ކަމަށެވެ. އަދި މި ސްކީމުގެ ދަށުން ކޮންމެ ފަރާތަކަށްވެސް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް 2 ލައްކަ ރުފިޔާ ގެ މާލީ އެހީއެއް ދިނުމަށް ރާވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ބިން ލިބިފައިވާ ފަރާތްތައް ގުޅިގެން މި މަސައްކަތްކުރާނަމަ، 3 ނުވަތަ 5 މީހުން އެއްކޮށްގެން ބޮޑު ޢަދަދެއްގެ ފައިސާ ހަމަޖައްސައި، ބޭންކު ލޯނާއެކު އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ސްކީމުގައި އިސްކަންދޭނީ ސޯޝަލް ހައުސިންގް އިން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.