އަނބިދަރިންނާއެކު ވަޤުތު ހޭދަކުރުމަކީ އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށްވުރެވެސް މުހިންމު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަނބިދަރިންނާއެކު ވަޤުތު ހޭދަކުރުމަކީ އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށްވުރެވެސް މުހިންމު ކަމެއް!

ކައިވެނިކުރުމަށްފަހު ތިމާގެ ގެދޮރުގެ ކަންކަމަށް ސަމާލުކަން ނުދޭނަމަ އެމީހަކީ ޤިޔާމަތް ދުވަހަށް ބިރުވެތިވާ މީހަކު ކަމަކަށް ނުވާނެއެވެ. ގެދޮރުގެ ކަންކަމަށް ސަމާލުކަން ދިނުމުގެ މަތިވެރިކަން އެހައިވެސް ބޮޑެވެ.  

ކައިވެނިކުރުމަށްފަހު ދިރިއުޅެން ކުރާ މަސައްކަތަށް ސަމާލުކަންދޭފަދައިން ގެދޮރުގެ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ. ދަރިން ލިބުމުން ސަމާލުކަން އިތުރުކުރަންވެސް ޖެހޭނެއެވެ.  

މިހެން ބުނުމުން މިބުނާ ގެދޮރަކީ ކޮބައިކަން އެނގެން އެބަޖެހެއެވެ. އެއީ ހަމަ ގެދޮރެވެ. ނަމަވެސް ހަމައެކަނި ގެއެއް ނޫނެވެ. އަނބިމީހާ އާއި ދަރިންވެސް ހިމެނޭ ގޮތަށެވެ. ދިރިއުޅޭއިރު ގެދޮރުގެ މާނަކުރެވޭނީ ގޭގައި އުޅޭ މީހުން ހިމަނައިގެންނެވެ. ޚާއްޞަކޮށް ތިމާގެ ބެލުމުގެދަށުގައިވާ މީހުން ހިމަނައިގެންނެވެ.  

ރަނގަޅަށް ވިސްނާށެވެ! ގެއަށް ބޭނުންވާ ތަކެތި ވެއްދުމަށްވުރެވެސް މުހިންމީ ގޭގައި ވަޤުތު ހޭދަކުރުމެވެ. އަނބިދަރިންނާއިއެކު ވަޤުތު ހޭދަކުރުމެވެ. އަނބިދަރިންނާއިއެކު ވަޤުތު ހޭދަކުރަން އާދަކޮށްފިނަމަ ގެއަށް ބޭނުންވާ ތަކެތި ވައްދަންވެސް އާދަކުރެވޭނެއެވެ. އެއީ ބޭނުންވާ ތަކެތި ނެތުމުން އަނބިދަރިންނަށް ފޯރާ ދަތިކަން އިޙްޞާޞްކުރެވޭނެތީއެވެ. ދަތިޙާލުގައި އަނބިދަރިން އުޅޭތަން ދެކެން ބޭނުން ނުވާތީއެވެ.  

ނަމަވެސް މިއަދު މިވަނީ އެހެންނަކުން ނޫނެވެ. ހަފްތާއަކަށް ބޭނުންވާ ތަކެތި ގެއަށް ވެއްދިއްޖެނަމަ ބަލަނީ ހުރިހާ ކަމެއް ކޮށްދެވުނީ ކަމަށެވެ. ތިމާގެ ޒިންމާ އެއޮތީ އަދާކުރެވިފައި ކަމަށެވެ. ޢާޢިލީ ގުޅުން ހީނަރުވަމުން މިދަނީ މިނުބައި ވިސްނުމަށް ޢަމަލުކުރެވޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން