އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ ވަރަށް ބޮޑު ނުރައްކަލެއް! އެކަމުގެ ފާފަ ފުއްސަވައިދެއްވަވާނީ ބަދަލުދީ ނިމުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ ވަރަށް ބޮޑު ނުރައްކަލެއް! އެކަމުގެ ފާފަ ފުއްސަވައިދެއްވަވާނީ ބަދަލުދީ ނިމުމުން!

ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އެއްވެސް ކަމަކާއި ގުޅިގެން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ! ހަމައެގޮތަށް އެކުވެރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޢާއިލާގެ ތެރޭގައިވެސް މައްސަލަތައް ޖެހޭނެއެވެ. މިފަދަ އެއްވެސް ޙާލަތެއްގައިވެސް އަނެކާއަށް އަނިޔާވެރިނުވާށެވެ! ދެރައެއް ނުދޭށެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ ކޮންފަދަ ބޮޑު ނުރަތއްލެއްކަން އެނގޭހެއްޔެވެ؟

"އަނިޔާވެރިކަން ބެހެނީ ތިންބަޔަކަށެވެ. އެއީ އެއްގޮތަކަށް ވެސް އެކަލާނގެ ދޫކޮށްނުލައްވާނެ އަނިޔާވެރިކަމާއި، ފުއްސަވާ ދެއްވާ އަނިޔާވެރިކަމާއި، ފުއްސަވާ ނުދެއްވާނެ އަނިޔާވެރިކަމެވެ.  

ފުއްސަވާ ނުދެއްވާނެ އަނިޔާވެރިކަމަކީ ޝިރުކެވެ. ތައުބާނުވެ ޝިރުކުރުންމަތީގައިހުރެ މަރުވެއްޖެނަމަ ޝިރުކުގެ ފާފަ ފުއްސަވައެއް ނުދެއްވާނެއެވެ.  

ފުއްސަވާ ދެއްވާނެ އަނިޔާވެރިކަމަކީ، އަޅާއާއި އޭނާ ހެއްދެވިފަރާތާއި ދެމެދުގައިވާ އަނިޔާވެރިކަމެވެ.  

އަދި ދޫކޮށް ނުލައްވާނެ އަނިޔާވެރިކަމަކީ، އަޅުތަކުން އެކަކު އަނެކެއްގެ ޙައްޤުތަކަށް އަރައިގަތުމާއި އެކަކު އަނެކަކަށްކުރާ އަނިޔާވެރި ކަންކަމެވެ. އަޅުތަކުންގެ އެއްބައަކު އަނެއް ބައެއްގެ ކިބައިން އެކަން ހިއްޕަވާނެއެވެ."  

(السلسلة الصحيحة 1927) ބައްލަވާ 

އެހެން މީހަކަށް އަނިޔާއަކަށް ވެދާނެ އެއްވެސް ކަމެއް ނުކުރަންވީ އަދި އެއްވެސް މީހެއްގެ ޙައްޤަކަށް އަރައި ނުގަންނަންވީ މި ސަބަބަށްޓަކައެވެ. އެފަދަ ކަމެއް ކުރެވިފައިވާނަމަ އޮތީ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދުމެވެ. އަދާކުރަންޖެހޭ ޙައްޤެއް ނުވަތަ ބަދަލުދިނުމެއް އޮތް ނަމަ އަވަހަށް ބަދަލުދީ، ޙައްޤު އަދާކުރާށެވެ!  

އަބަދުވެސް ބުނާފަދައިން މާފަށް އެދެވޭނީވެސް މާފުކުރާނީވެސް ދުނިޔޭގައެވެ. ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް މަދުވެގެން އުޅެންޖެހޭނެ ދުވަހެވެ. އެއްވެސް މީހަކު އޭނާއަށް ލިބެން އޮތް ކިތަންމެ ކުޑަކުޑަ ޙައްޤެއްވެސް ދޫނުކުރާނެތެވެ!  

މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

- މިއަދުނޫސް

 

މިއަދު އޮންލައިން