ރައްކައުތެރި ނުވެއްޖެނަމަ ނަރަކައަށް ވަންނަންޖެހޭ، ހެޔޮ ގޮތުގައި ބޭނުންހިފުމުން ސުވަރުގެ ވަނުމަށް މަގުފަހިވާ ގުނަވަނަށް ދޭންޖެހޭ ސަމާލުކަން އެބަދެމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ރައްކައުތެރި ނުވެއްޖެނަމަ ނަރަކައަށް ވަންނަންޖެހޭ، ހެޔޮ ގޮތުގައި ބޭނުންހިފުމުން ސުވަރުގެ ވަނުމަށް މަގުފަހިވާ ގުނަވަނަށް ދޭންޖެހޭ ސަމާލުކަން އެބަދެމުތަ؟

ރައްކައުތެރި ނުވެއްޖެނަމަ ނަރަކައަށް ވަންނަންޖެހޭ، ހެޔޮ ގޮތުގައި ބޭނުންހިފުމުން ސުވަރުގެ ވަނުމަށް މަގުފަހިވާ ގުނަވަނަކީ ކޮބައިތޯ ސުވާލުކުރުމުން ގިނަބައަކު ބުނަނީ ހިތުގެ ވާހަކައެވެ. އެއީ ހިތްޠޯނިރުކުރެވިއްޖެނަމަ އެންމެހައި ނުބައިކަމަކުން ދުރުހެލިވެ ހުރެވޭނެތީއެވެ.  

ހިތަކަށް އެއްވެސް ފާފައެއް ނުކުރެވޭނެއެވެ. ފާފަކުރެވޭނީ އެހެން ގުނަވަންތަކުންނެވެ. އަހުރެންގެ ވިސްނުމުގައި ރައްކައުތެރި ނުވެއްޖެނަމަ ނަރަކައަށް ވަންނަންޖެހޭ، ހެޔޮ ގޮތުގައި ބޭނުންހިފުމުން ސުވަރުގެ ވަނުމަށް މަގުފަހިވާ ގުނަވަނަކީ ދުލެވެ.  

އަހުރެން މިގޮތަށް ޤަބޫލުކުރާ ސަބަބަކީ ޙަދީޘްފުޅުގައި އޮތީ ދުލާއި ފަރުޖަށް ރައްކައުތެރިވެއްޖެ މީހާ ސުވަރުގެ ވެއްދެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޖާމިނުވެވަޑައިގަންނަވާނެ ކަމަށެވެ.  

ދުލާއިމެދު ވިސްނާއިރު އެއީ ސައިޒަށް ބަލައިފިނަމަ ވަރަށް ކުޑަކުޑަ ގުނަވަނެކެވެ. ކަށިކޮޅެއްވެސް ނުއިނދެއެވެ. އެމީހަކު ބޭނުންވާ ކޮންމެ ގޮތަކަށް ބޭނުންހިފެއެވެ. މިދައްކަނީ ކުޑަވެފައި ކަށިނެތަސް އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބާރުގަދަ، އެންމެ އާދައާ ޚިލާފް ގުނަވަނުގެ ވާހަކައެވެ. ގުނަވަނާއިގެން ކުރިއަށްދަމާ ހިނގާށެވެ!  

އެގުނަވަނަކީ އިންސާނާގެ ދުލެވެ. ދުލަކީ އެއިގެ ޒާތުގައި ކިތަންމެ ކުޑަކުޑަ އެއްޗެއް ނަމަވެސް ކިތަންމެ ބޮޑު ސަރަހައްދެއްގައި ހުޅުޖަހައި އަންދާލުމުގެބާރުވެސް ދުލަށް ލިބިގެންވެއެވެ! ހަމައެފަދައިން ރޯވެ އަނދަމުންދާ ކިތަންމެ ބޮޑު ހުޅުގަނޑެއް ނިއްވައިލުމުގެ ބާރުވެސް ދުލަށް ލިބިގެންވެއެވެ.

ދެން ސުވާލުކޮށްލަން ބޭނުންވަނީ ތިބާގެ ދުލާއިބެހޭގޮތުންނެވެ. ރަނގަޅަށް ވިސްނައިލުމަށްފަހު ބުނެބަލާށެވެ! ތިބާއަށް ދެއްވެވި ދޫ ބޭނުންކޮށްގެން ކިހައި ބޮޑު ސަރަހައްދެއް އަންދާލައިފިން ހެއްޔެވެ؟ ނޫނީ ކިހައި އަލިފާނެއް ނިއްވާލައިފިން ހެއްޔެވެ؟  

ދެން މިބަޔާންކުރަނީ ތަންކޮޅެއް ތިލަކޮށެވެ. މީހާގެ ގުނަވަންތަކަށް ބަލައިފިނަމަ ދުލަކީ ވަރަށް ކުޑަކުޑަ ގުނަވަނެކެވެ. މިދައްކަނީ ހެޔޮލަފާ ވާހަކަ ދެއްކުމުން ކުރާ ފައިދާ އާއި ފިތުނަ އުފެއްދުމުން މެދުވެރިވާ ގޮތުގެ ވާހަކައެވެ. މި ދެކަންތައް ކުރަނީވެސް ހަމަ ދުލުންނެވެ. ދޫބޭނުންކޮށްގެންނެވެ.  

ގޭގައި، ޢާއިލާތެރޭގައި، އެކުވެރިންގެ ތެރޭގައި މިހެން ކިޔަމުން ގޮސް މުޖުތަމައުވެސް ހިމަނައިގެން ބަލާށެވެ! ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދުލުން ހިފުނީ ކޮން ބޭނުމެއްހެއްޔެވެ؟ ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ އެންމެ އަލިފާންގަނޑެއް ނިއްވައިލެވުނުހެއްޔެވެ؟ ނޫނީ ރޯވިއަ ނުދީ ހިފެހެއްޓުނު ހެއްޔެވެ؟ ހަމައެއާއިއެކު ވިސްނައިލާށެވެ! ހަމައެދޭ ބޭނުންކޮށްގެން ކިތައް އަލިފާންގަނޑު ރޯކުރެވިފައިވާނެ ހެއްޔެވެ؟  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދުލާއި ޖިންސީ ގުނަވަން ސަލާމްކޮށްފި މީހަކު ސުވަރުގެ ވައްދަވައިދެއްވަން ޖާމިނުވެވަޑައިގަންނަވާނެ ކަމަށް އެއޮތީ އެކަމުގައި ހާދަބޮޑު މަތިވެރި ކަމެއް އޮތުމުންނެވެ. ވީމާ މިވާހަކަކޮޅު ދައްކާލުމުގެ ބޭނުމަކީ ތިމާ ސުވަރުގެ ވައްދަވާ ހަތިޔާރަކަށް ދޫ ބޭނުންކުރެވެން އޮއްވައި ހަމަ އެދޫ ބޭނުންކޮށްގެން ނަރަކައަށް ވަނުން ހުއްޓާލަން ބުނުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން