އެދެމަފިރިންނަކީވެސް ވަރަށް ލޯބިން ދިރިއުޅޭ ދެމަފިރިންނެވެ. ކައިވެންޏަށް 6 މަސްވެސް ނުވަނީސް މައިދައިތަގެ ޝަކުވާއަކަށްވީ ބަލިވެ ނުއިންނަކަމެވެ. މާމަދަރިއަކު ލިބުން ލަސްވާކަމެވެ. އެކަން ކުށްވެރިކޮށް ޅީދަރިފުޅަށް ނުބައިބަސްތައް ނުބުނާ ދުވަހެއް ނުދެއެވެ. އެހެންކަމާއިއެކުވެސް އެއީ މަންމަކަމަށްވީތީ ދެމަފިރިންކުރެ މީހަކު ރައްދެއް ނުދެއެވެ.
އެދެމަފިރިންވެސް ވަޒިފާއަދާކުރެއެވެ. ރޭގަނޑަށް ކައްކަނީ ކުރިން ގެއަށް ޢާދެވުނު މީހެކެވެ. އެއީ ވަކިމީހަކު ބުނެގެނެއް ނޫނެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާވަރުންނެވެ. އަނބިމީހާއަށް ލަހުން ގެއަށް އައުދެވުމުން ކައްކަން ބަދިގެއަށް ވަންނަންޖެހޭނަމަ ދެމަފިރިންނަށް އެކުގައި ހޭދަކުރަން ލިބޭނެ ވަޤުތު މަދުވާނެތީއެވެ.
މަންމަ މިއިން އެއްވެސް ކަމަކަށް ނުވިސްނައެވެ. މިފަދަ ހުރިހާ ކަމަކާއި ބެހި ޅީދަރިފުޅަށް އެއްޗެތިގޮވައެވެ. ކައިވެންޏަށް އަހަރުވެ އެންވާސަރީ ފާހަގަކުރިތާ 3 ވަނަ ރޭ އަނބިމީހާ އަނބުރައިގަނެގެން ވެއްޓުނެވެ. ހޮސްޕިޓަލަށް ގެންދިއުމުން ކުރި ޓެސްތްތަކުން އެނގުނީ އެއީ ހިތްދަތިކަން ލިބޭވަރުން މެދުވެރިކަމެއް ކަމެވެ. އެއަށްވުރެ ބޮޑު ދެރައަކަށްވީ ހިތްދަތިކަމުގައި އިންނަން ހަދައިގެން މައްސަލަތައް ދިމާވެފައިވަނިކޮށް ވެއްޓުމުން ބަނޑުގައި އޮތްދަރިފުޅު "ވެއްޓިފައިވާތީ"އެވެ.
އަނބިމީހާ ގެއަށް ގެނދެވުނީ 3 ދުވަސްފަހުންނެވެ. ގެއަށް ގެންދެވުމުން ދަރިފުޅު މަންމައަށް ބުންޏެވެ. "މަންމަ އެދުނުފަދައިން ދެމީހުންވެސް މަންމައަށް މާފުކޮށްފީމެވެ. ނަމަވެސް އެއިގެ މާނައަކީ ހުރިހާ ކަމެއް ހަނދާން ނެތުމެއް ނޫނެވެ. ވީމާ އަނގަމަޑުން ލައިގެން ނުއިނދެވޭނެނަމަ ބޭނުން ދަރިއެއްގެ ގެއަށްދާށެވެ. މިގޭގައި އިނދެވޭނީ ތިއަ ބޮޑު އަނގަ ބަންދުކޮށްގެން އިނދެވޭނެ ނަމައެވެ. މަންމައަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް ކޮށްދޭނަމެވެ. ކޮށް ނުދެވޭނެ ކަމަކީ އެހައިގިނައިން މަންމައާއި ވާހަކަދެއްކުމާއި މަންމައާއިއެކުގައި އެހައިގިނަ ވަޤުތު ހޭދަކުރުމެވެ."
މަންމަ ޢޭނާގެ ކުށް ޤަބޫލުކުރިއެވެ. އޭނާގެ ކަންކަން ހުންނަ ގޮތުން އެހެން ދަރިއަކު އޭނާ ނުގެންގުޅޭނެކަން އެނގޭތީ ނިންމީ ދަރިފުޅު ބުނި ގޮތާއި ރުހިގެން އެގޭގައި އިންނާށެވެ.
މިއީ އަޅުގަނޑުގެ އެކުވެރި ނާދިއާގެ މައިދައިތައަށް ކަންކަން މެދުވެރިވި ގޮތެވެ. މިފަދަ ގޮތްގޮތަށް ކަންކަންކުރާ މައިންނަށް ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- މަޢުޞޫމާ / މިއަދުނޫހުގެ ކިޔުންތެރިއެއް