އެއީ ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނެވެ. އެއްވެސް ކަމެއްގައި ދެބަސްވާކަށް ނުޖެހެއެވެ. ކުރިމަތިވާ ކޮންމެ ކަމެއްވެސް ޙައްލުކުރަނީ މަޝްވަރާކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ޙައްލުނުކުރެވޭ މައްސަލައެއް އޮވެއެވެ. އެއީ ފިރިމީހާގެ ޢާއިލާއިން އަނބިމީހާ ނިކަމެތިކުރާ ކަމެވެ.
އެމީހުންނަށް ވިސްނިފައި އޮންނަނީ ސޮފޫރާއަކީ އެއްވެސް އަގެއް ނެތް އަންހެނެއްކަމަށާއި ސަފޫރާ އުޅެނީ ެމީހުންގެ ދަރިފުޅުގެ މައްޗަށް ބާރުހިންގައި އެމީހުންނާއި ދުރުކުރުވަން ކަމަށެވެ. ނަމަވެސް ސޮފޫރާ އެފަދަ ވިސްނުމެއްވެސް ނުގެންގުޅެއެވެ.
ޢާއިލީ ބައްދަލުވުމެއްގައި ސޮފޫރާ ވަރަށް ބޮޑަށް ނިކަމެތިކޮށްލެވުނު ރެއަކު ގެއަށް އައިސް ސޮފޫރާ ފިރިމީހާއަށް ބުންޏެވެ. "އަހުރެންނަށް އެމީހުންނަށް ހެޔޮކޮށް ހިތޭ މިންވަރު އަދިވެސް ކުޑައީއެވެ. އަދިވެސް ބޮޑަށް ހެޔޮކޮށް ހިތަން މަސައްކަތްކުރަންވީއެވެ."
ޖަވާބުގައި ފިރިމީހާ ބުންޏެވެ! "ލޯބިވާ އަނބިމީހާއެވެ! ތިމާ އެމީހުންގެ އަޅަކަށްވެގެން ޢުކުރު ހޭދަކުރިޔަސް އެމީހުންގެ ވިސްނުން ބަދަލެއް ނުވާނެއެވެ. ރަޙުމާ އޯގާތެރިކަން ނެތް ހިތަކުން އެކަންކަން ލިބޭތޯ ކިތަންމެ މަސައްކަތެއް ކުރިޔަސް ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އެފަދަ މީހުންގެ ބަދަލުވާނީ އެމީހުންނަށް ދެރައެއް ލިބި ހިތާމަކުރަންޖެހުމުންނެވެ. މިއީ ބަދުދުޢާކުރުމެއް ނޫނެވެ. ކަން އޮތްގޮތެވެ. ވީމާ އެމީހުންނާއިމެދު އިތުރަށް ނުވިސްނާށެވެ! ޢާއިލީ ކަންކަމުގައި ދެން ބައިވެރިނުވާނީއެވެ. މިގެއަށްވެސް އެމީހުން ނުގެންނާނީއެވެ."
ފިރިމީހާ އެބުނީ ތެދަށެވެ. ކަންއޮތްގޮތަށެވެ. އަހުރެން އޭނާގެ ބަހަށް ތައްރީފްކުރަމެވެ. މިއީ ކޮންމެ ދެމަފިރިއަކުވެސް ލިބިގަންނަންޖެހޭނެ ފިލާވަޅެކެވެ. ތިމާގެ ކުށެއް ނެތި ތިމާއަށް ނަފްރަތުކުރާ މީހުންގެ ހިތް ބަދަލެއް ނުކުރެވޭނެއެވެ. ސަބަބަކީ އެމީހުންގެ ހިތް އެވަނީ ޙަސަދައިން ފުރިފައެވެ.
ދެން ބުނެލަން ބޭނުންވަނީ ކައިވެނިކުރުމަށްފަހުވެސް ޢާއިލާއަށް ހެޔޮކޮށްހިތަންޖެހޭނެއެވެ. ކަންކަން ކޮށްދެވެން އޮތް ވަރަކުން ކޮށްދޭންވެސް ވާނެއެވެ. ނަމަވެސް ބައިވެރިޔާ ނިކަމެތިކޮށްގެން ނުވާނެއެވެ. އެއީ އަނބިމީހާކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސްމެއެވެ.
ބައިވެރިޔާ ރުއްސަން ޢާއިލާ ނިކަމެތިކުރުމެއް ނެތެވެ. އަދި ޢާއިލާ ރުއްސަން ބައިވެރިޔާ ނިކަމެތިކުރުމެއްވެސް ނެތެވެ. އޮތީ ޢަދުލުވެރިވެވުމެވެ.
- މިއަދުނޫސް