ދުނިޔެއިން ބޭނުންވާ ކަންކަމަށް އެދިގެންވެސް ދުޢާކުރަންވާނީ އެކަމަށް ތިމާއަށް ކުރެވެންހުރި ކަންކަން ކުރަމުން! ސުވަރުގެ ދެއްވަވާނީވެސް އެމަގުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ދުނިޔެއިން ބޭނުންވާ ކަންކަމަށް އެދިގެންވެސް
ދުޢާކުރަންވާނީ އެކަމަށް ތިމާއަށް ކުރެވެންހުރި ކަންކަން ކުރަމުން! ސުވަރުގެ
ދެއްވަވާނީވެސް އެމަގުން!


ދުޢާކުރުމަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުކަމަށް ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ދުޢާކުރުމުން ހުރިހާކަމެއް ޙާޞިލުވުމެއް ނޫނެވެ. މިކަން ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ. ހީކުރެވެނީ ދުޢާކުރުމުން ހުރިހާކަމެއް ޙާޞިލްކުރެވޭނެ ކަމަށެވެ. އާނއެކެވެ! ދުޢާކުރުމުން ހުރިހާ ކަމެއްވެސް ޙާިލުކުރެވޭނެއެވެ. ނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެންހުރެ ދުޢާކުރުމުންނެވެ.  

ބައެއް މީހުން ރިޒުޤަށް އެދިގެން ދުޢާކުރެއެވެ. ނަމަވެސް ރިޒުޤް ހޯދަން ކުރަންޖެހޭ މަސައްކަތެއް ނުކުރެއެވެ. ފަތިހުވެސް އޮންނަނީ ކަންނެތްވެ ނިދާށެވެ! އަނެއް ބައަކު އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދިގެން ދުޢާކުރެއެވެ. ނަމަވެސް ޒަވާޖީޙަޔާތް ކާމިޔާބުކުރަން ތިމާކުރަންޖެހޭ މަސައްކަތްތަކެއް ނުކުރެއެވެ.  

ކޮންމެ މީހަކުވެސް އުފާވެރިކަން ބޭނުންވެއެވެ. ތަނަވަސްކަންވެސް ބޭނުންވެއެވެ. އިތުރަށްވެސް ޙާޞިލުކުރަން ބޭނުންވާ ކަންކަން ވަރަށް ގިނައެވެ. ދުވަހެއް ދުވަހަކަށް ދާނީވެސް ގިނަވަމުންނެވެ. އެހެންވެ ދުޢާކުރާ މީހުން ވަރަށް ގިނައެވެ. ދުޢާކުރަންވީއެވެ. ނަމަވެސް ދުޢާކުރަން އޮތީ އެކަމަކަށް އެދިގެން ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމާއިއެކުގައެވެ.  

ކޮންމެ މީހަކުވެސް ރަން މަލާފަތް ބޭނުންވެއެވެ. އެއް މަލާފަތް ލިބިއްޖެ ނަމަ ދެވަނަ މަލާފަތްވެސް ބޭނުންވެއެވެ. އަދި އެއީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް އެދި ނިމޭނެ ކަމެއް ނޫނެވެ. ނަމަވެސް ހޯދަން މަސައްކަތް ކުރާނެ ހިތްވަރެއް ނުހުރެއެވެ. އަބަދުވެސް ތިއަ އުޅެވެނީ އެކުވެރިންނާއިއެކު މަޖާކުރާށެވެ! ގެއަށް އަތުވެއްޖެ ނަމަ އޮންނަނީ ނިދާށެވެ! އެކަމަކު ވެސް ހަމަ ރަންމަލާފަތްވެސް އިންތިހާއަށް ބޭނުންވެއެވެ.

މުސްލިމުންގެ ގޮތަކަށްވާން ޖެހޭނީ ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައި އޮތް މަގުން އަމަލުކުރުމެވެ. އެއީ މަސައްކަތްކުރުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. ދުޢާ ކުރުމެވެ. ވީމާ އަހަރެމެން ކޮންމެ މީހަކީވެސް މި މަގުން މަސައްކަތްކުރާ މީހަކަށްވާން އެބަޖެހެއެވެ.  

ތިމާ އެދޭފަދަ މީހަކަށް ނުވެގެން، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލު ނުކުރެވިގެން  ގޭގެ އެނދުގައި އޮތުމަކުން ނުވަތަ ސޯފާގައި އިނދެ ޓީވީ ބެލުމަކުން މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ! އަދި ހޯދޭނެ ކުރިއެރުމެއް، ކާމިޔާބެއްވެސް ނޯންނާނެއެވެ. އުޞޫލެއްގެ ގޮތުން ކާމިޔާބީއަކީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހާގެ ޙައްޤެކެވެ.  

ކުރިއެރުމާއި ކާމިޔާބީއަށް އެދޭނަމަ ދޫނި ފަދައިން ކޮންމެ ދުވަހަކު ވެސް ފަތިހާ ތެދުވެ މަސައްކަތް ފަށާށެވެ! ފަތިހު ތެދުވެ މަސައްކަތް ފެށުމަކީ ފަތިސްނަމާދުން ފެށުމެވެ. ފަތިސްނަމާދުކުރުމަށްފަހު ރިޒްޤް ލިބިދާނެހެން ހީވާ ސަރަހައްދުތަކަށް ގޮސް އަތްފުނާ އަޅާށެވެ! ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ މަސައްކަތަކީވެސް ހަމަ ޙަލާލު މަސައްކަތެވެ. ކުރަން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.  

ރިޒްޤު ހޯދަން މަސައްކަތް ކުރުމުގެ މާނައަކީ ހަމައެކަނި ކާބޯތަކެތި ހޯދަން މަސައްކަތްކުރުމެއް ނޫނެވެ. ތިމާ ހާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަން މަސައްކަތްކުރުމެވެ. ހަމައެކަނި ޝަރުޠަކީ ﷲ ތައާލާ ހުއްދަ ކުރެއްވެވި ކަމަކަށްވުމެވެ.  

ވިސްނާށެވެ! ސުވަރުގެ ލިބުން އެދިގެން އަހުރެމެން ވަރަށް ގިނައިން ދުޢާކުރަމުއެވެ. ސުވަރުގެ ލިބުމަކީވެސް ހަމައެކނި ދުޢާކުރުމުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ފުރަތަމަ އޮތީ އެކަމަށް އެދިގެން ތިމާކުރަންޖެހޭ ކަންކަން ކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. ދުޢާކުރަންވާނީ ކިޔަމަންތެރިކަން އަދާކުރަމުންނެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން