ކުރަންޖެހޭ ފަރުޟް ނަމާދުތަކަށް ރައްކައުތެރި ނުވެވޭނަމަ އެއީ ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުރަންޖެހޭ ފަރުޟް
ނަމާދުތަކަށް ރައްކައުތެރި ނުވެވޭނަމަ އެއީ ބިރުހުރިކަމެއް!


ފުރަތަމަ ކަމަކަށް ނަމާދުކުރާ މީހުންގެ ވާހަކަ ދައްކަމާ ހިނގާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ މީހުންނަށް ފަރުޟު 5 ނަމާދުކުރުމަކީ އެއްވެސް ބުރަކަމަކަށް ނުވާނެއެވެ. އެކަމުގެ ހެއްކަކީ ފަރުޟު 5 ނަމާދާއި ރަވާތިބު ސުންނަތްތަކާއި ރަވާތިބު ސުންނަތް ކަމުގައި ނުހިމެނޭ އިތުރު ސުންނަތްތަކާއި ވިތުރި އާއި ދަމު ނަމާދާއި އަދި ޟުޙާ ނަމާދު ޢާންމުކޮށް ކުރަމުން ގެންދާ އެތައް ބައަކު އެބަ ތިބި ކަމެވެ.  

އެމީހުންނަށް އެއީ ކުރަން ބުރަކަމަކަށް ނުވެއެވެ. ނަމަވެސް އަނެއް ބައަކަށް ފަރުޟު 5 ނަމާދުކޮށްލުންވެސް ވަނީ ވަރަށް ބުރަކަމަކަށެވެ. އެންމެ ގިނައިން ދައްކާނީ ވަޤުތުނުވާ ވާހަކައެވެ. އެކަމަކު ކުރަން ބޭނުންވާ އެހެން ހުރިހާ ކަންކަން ކުރާނެ ވަޤުތު އޮވެއެވެ.   

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. 

"އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (އަލްބަޤަރާ: 45)  

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ!" ﷲ ގެ މި ވަޙީ ބަސްފުޅަކީ ވަކިޙާލަތަކަށް ޚާއްޞަވެގެންވާ ބަސްފުޅެއް ނޫނެވެ! މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އޮތީ މި ވަޙީ ބަސްފުޅުގައިވާ ފަދައިން ކެތްތެރިވުމާއި ނަމާދުން ވާގި ހޯދުމެވެ. ނަމާދުން ވާގިހޯދުމަކީ ނަމާދުކުރުމެވެ. ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކުމެވެ.  

ދެން ބަލައިލަންވީ ފަރުޟު 5 ނަމާދު ފުރިހައަމަށް އަދާ ނުކުރެވޭ ސަބަބަށެވެ. އެ ސަބަބުވެސް ހަމަ މިއާޔަތުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. "ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)"

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާށެވެ! ނަރަކައިގެ ޢަޛާބަށް ބިރުވެތިވާށެވެ! ސުވަރުގެ ލިބުމަށް ދަހިވެތިވާށެވެ! އެއިރުން ފަރުޟް 5 ނަމާދުގެ އިތުރުން ސުންނަތް ނަމާދުތައް ކުރަންވެސް ފެށޭނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން