ޚުޠުބާ: ޢަބުރު ގެއްލުވައިލުމަކީ މުޅި މުޖުތަމަޢުގަ ފަސާދަ އުފެދޭ ނުރައްކާތެރިކަން ބޮޑު ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 22ސ
ޚުޠުބާ: ޢަބުރު ގެއްލުވައިލުމަކީ މުޅި މުޖުތަމަޢުގަ ފަސާދަ އުފެދޭ ނުރައްކާތެރިކަން ބޮޑު ކަމެއް!

މުސްލިމް އަޚުންނޭވެ! މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާ ކޮންމެ ކަމެއް އެކަލާނގެ ވަނީ ނަހީކުރައްވައިފައެވެ. އެހެންކަމުން އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅައެވެ.

އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދަކީ މިއެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. )فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ وَأَبْشَارَكُمْ علَيْكُمْ حَرامٌ، كَحُرْمَةِ يَوْمِكُمْ هَـٰذَا، فِيْ شَهْرِكُمْ هَـٰذَا، فِيْ بَلَدِكُمْ هَـٰذَا، أَلَا هَلْ بَلَّغْتُ؟ قُلْنَا: نَعَمْ. قَالَ: اَللَّهُمَّ اشْهَدْ، فَلْيُبَلِّغِ الشَّاهِدُ الْغَائِبَ) [1] މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ރަށް (މައްކާ)، ތިޔަބައިމީހުންގެ މި މަސް (ޛުލްޙިއްޖާ މަސް)، ތިޔަބައިމީހުންގެ މި ދުވަސް (ޙައްޖު ދުވަސް) ޙުރުމަތްތެރިވެގެންވާ ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިތައްވަނީ ޙުރުމަތްތެރިކުރެއްވިގެންނެވެ. ދަންނާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް (މި ކަން) އަންގަވައިފީމުހެއްޔެވެ؟ ތިމަންމެން ދެންނެވީމުއެވެ. އާދޭހެވެ! ޙަދީޘްކުރެއްވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި ކަމުގެ މައްޗަށް ހެކިވެވޮޑިގެންވާނދޭވެ! ފަހެ، މިތާނގައި ޙާޟިރުވެ ހުރި މީހާ، މިތާނގައި ޙާޟިރުވެ ނެތް މީހާއަށް މި ވާހަކަ ފޯރުކޮށްދޭށެވެ!"  

މުސްލިމް އަޚުންނޭވެ! މާތްވެގެންވާ އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އިސްކަމެއް ދެއްވައިފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީއެވެ. އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭކަމަކަށްވާތީއެވެ. މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއްދިނުމަކީ، ބޮޑުވެގެންވާ އަނިޔާއެއްކަމާ މެދު އެކަކު ވެސް ޝައްކެއްނުކުރާނެއެވެ. ނަމަވެސް، ވިސްނައިލާންޖެހޭ ޙަޤީޤަތަކީ، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމެވެ. އަބުރު ގެއްލުވައިލުމުން، ދުނިޔޭގައި އޭނާ އުޅޭން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައެވެ. އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިކޮށްލެވެއެވެ. ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާންނެތަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެކެވެ. އަނިޔާއެކެވެ. 

މުސްލިމް އަޚުންނޭވެ! މުސްލިމުންނަށް ކުއްތާއާއި އޫރަކީ ނަޖިހެއްކަމުގައި ވިޔަސް އެ ތަކެއްޗަށް ވެސް ރަޙުމުކުރުމާއި އޯގާތެރިވުމަކީ ވާޖިބެކެވެ. ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް މީހަކު ފެންދިނުމުން، މާތް ﷲ އޭނާގެ ފާފަތައް ފުއްސަވައިދެއްވި ވާހަކަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަޞްޙާބުބޭކަލުންނަށް ކިޔައިދެއްވުމުން  އެ ބޭކަލުން އެކަލޭގެފާނަށް ސުވާލުދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! ޖަނަވާރުންނަށް ހެޔޮކޮށް ހިތުމުން ވެސް އަހަރެމެންނަށް ޘަވާބާއި ދަރުމަ ލިބޭނެތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ކޮންމެ ދިރޭ ފުރާނައަކަށް އިޙުސާންތެރިވުމުގައި ވެސް ދަރުމައާއި ސަވާބުހުއްޓެވެ."[2] މުސްލިމް އަޚާއެވެ! ސާފު ހިތަކުން ވިސްނައިބަލާށެވެ! ނަޖިސްކަންބޮޑު ޖަނަވާރަކަށް ހެޔޮކޮށްހިތުމުގެ ސަބަބުން މާތް ﷲ އޭނާގެ ފާފަ ފުއްސަވައި، ސުވަރުގެއަށް ވެއްދެވި އިރު، މާތް ﷲ މާތްކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ އާދަމުގެ ދަރިޔަކަށް ހެޔޮކޮށްހިތުން އެކަލާނގެ ޙަޟުރަތުގައި ކޮންފަދަވާނެހެއްޔެވެ؟ އެހެންކަމުން، އާދަމުގެ ދަރިޔެއްގެ އަބުރު ކަތިލައި އޭނާ ނިކަމެތިކޮށްފި ނަމަ އެ ކަމުގައި ހުންނާނޭ ފާފައިގެ ބޮޑުކަން ތަޞައްވުރުކުރާށެވެ! ގެފުޅުވަށައި ޠަވާފުކުރައްވަމުން ގެފުޅަށް ނިސްބަތްކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިބާގެ މާތް ކަމާއެވެ! ތިބާގެ ވަސްމީރުކަމާއެވެ! އަދި ތިބާގެ ޙުރުމަތްތެރިކަމާއި މަތިވެރިކަމުގެ ބޮޑުކަމާއެވެ! އެކަލާނގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ! ﷲގެ ޙަޟުރަތުގައި، ތިބާގެ ޙުރުމަތަށްވުރެ މުއުމިނެއްގެ ޙުރުމަތް މާ މަތިވެރިއެވެ! އޭނާގެ މުދަލާއި، އޭނާގެ ލޭގެ ޙުރުމަތެވެ. އަދި އޭނާއާ މެދު ހެޔޮ ގޮތުގައި މެނުވީ ހީނުކުރުން ހުއްޓެވެ." 

މުސްލިމް އަޚުންނޭވެ! އިސްލާމް ދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އެތައް ކަމެއް ޝަރުޢުކުރައްވައިފައި ވެއެވެ. އެ ގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެ ކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނައި ނަމަ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެކެވެ. އެ ތުހުމަތުކޮށް ވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖެހުމަށް ފަހު، އެއީ ފާސިޤުންކަމުގައި ބަލައި ދުވަހަކު ވެސް އެ މީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް އަންގަވައި، މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- ‏[3] މާނައީ: "عفّة ތެރި އަންހެނުންނަށް قذفކުރާ މީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކީން ނުގެނައި ނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبولނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسقންނެވެ." ހަމައެހެންމެ މީހަކާމެދު ގޯސްކޮށް ހީކުރުމަކީ އިސްލާމްދީނުގައި މުޅީން ނަހީކުރައްވައިފައިވާ ކަމެކެވެ. އަދި އެ ފަދަ ހީކުރުންތަކުގެ މައްޗަށް މީސްމީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކޮށް އުޅުމަކީ ވެސް ޙަރާމްކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ!"

މުސްލިމް އަޚުންނޭވެ! ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށްއަރައިގަނެ މުޅި ދުނިޔެއަށް މީހުން ފަޟީޙަތްކުރަނީ، ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. ޒާތީވުމުންނާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި، މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަނީ، ތިމަތިމާމެންގެ ޅަދަރީންގެ ކުރިމަތީގައެވެ. މާދަމާ ޤައުމުގެ ހުންގާނާ ޙަވާލުވާންތިބި ކުދީންނަށް ދެވޭ ތަރުބިޔަތަކީ ނުވަތަ ދެއްކޭ ނަމޫނާ އަކީ މިއީކަމުގައިވާ ނަމަ، މާދަމާ ޤައުމުގެ ޙާލަތު އޮންނާނެ ގޮތާ މެދު އަހަރެމެންނަށް ވިސްނާލެވެނީ ކިހައި މިންވަރަކަށްހެއްޔެވެ؟ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كَفَى بِالْـمَرْءِ كَذِبًا أَنْ يُـحَدِّثَ بِكُلِّ مَا سَمِعَ)[4] މާނައީ: "މީހަކު، އޭނާއަށް އިވޭހައި ވާހަކައެއް ދެއްކުން ދޮގަކަށްވުމަށް ފުދެއެވެ." މާތް ﷲގެ ޙަޟުރަތުގައި ތިމާގެ ދުލުން ބޭރުކުރާ ކޮންމެ ލަފުޒަކާއި ކުރާ ކޮންމެ ޢަމަލަކީ ހިސާބުކުރެވޭނޭ ކަމެކެވެ. ދަންނާށެވެ! އާންމު ގޮތެއްގައި މީސްތަކުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެވެނީ ދުލުންނެވެ. مُعَاذ رَضِيَ اللّهُ عَنْهއަށް ކީރިތި މާތް ނަބިއްޔާ z ޙަދީޘްކުރެއްވި ބަސްފުޅުގައިވަނީ "މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"[5] ހަމަ އެހެންމެ ތިމާގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހާއަށް  ސުވަރުގެލިބޭނޭކަމަށް މާތް ނަބިއްޔާ z ޖާމިނުވެވަޑައިގެންފައި ވެއެވެ.[6] 

މުސްލިމް އަޚުންނޭވެ! ތިމާގެ އަމިއްލަ ނަފުސުގެ އަބުރާ މެދު ރައްކާތެރިވުމަކީ ވެސް ކުރާންޖެހޭ ކަމެކެވެ. صَفِيَّة رضي الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. "اللهُގެ ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޢުތިކާފަށް އިންނަވަނިކޮށް، ތިމަންކަމަނާ ރޭގަނޑު އެކަލޭގެފާނަށް ޒިޔާރަތްކުރެއްވުމަށް ވަޑައިގަތީމެވެ. އަދި އެކަލޭގެފާނާ ވާހަކަދައްކަވަން އިންނެވުމަށް ފަހު، ތެދުވެވަޑައިގަތުމުން، ތިމަންކަމަނާއާ އެކު ވަޑައިގަތުމަށް އެކަލޭގެފާނު ވެސް ތެދުވެވަޑައިގަތެވެ. (އެ ދުވަސްވަރު) ތިމަންކަމަނާ ދިރިއުޅުއްވީ أُسَامَة بْنُ زَيْد رَضِيَالله عنهماގެ ގެކޮޅުގައެވެ. ދެން އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ދެ ބޭކަލަކު އެ މަގުން ވަޑައިގަތެވެ. އެ ދެބޭކަލުންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަފެނިވަޑައިގަތުމުން ހިންގެވުން އަވަސްކޮށްލެއްވިއެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ތިޔަ ދެ ބޭކަލުން މަޑުމަޑުން ހިންގަވައިފައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން މިއީ ތިމަންކަލޭގެފާނުގެ އަނބިކަނބަލުން صَفِيَّة بِنْت حُيَـيُّއެވެ." އެ ދެ ބޭކަލުން ދެންނެވިއެވެ. سُبحَانَ الله! އެވެ.    اللهُ ގެ ރަސޫލާއެވެ! ކަލޭގެފާނާ މެދު، ތިމަންމެން ޝައްކުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުގެ ނާރުތަކުގައި ލޭ ހިނގާފަދައިން އާދަމުގެ ދަރިޔާގެ ހިތުތެރޭގައި ޝައިޠާނާ ވަސްވާސްދީ އުޅެތެވެ. ފަހެ، ތިޔަ ދެ ބޭކަލުންގެ ހިތްޕުޅަށް އެ ޝައިޠާނާ އެއްޗެއް ވައްދައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަތީއެވެ."[7]

މިއަދު އޮންލައިން