ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށް ހަމަހަމަ ފުރުޞަތު ހޯދައިދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށް ހަމަހަމަ ފުރުޞަތު ހޯދައިދޭނަން: ރައީސް

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތައް މުޖުތަމަޢަށް ދައްކައިދީ، އެކުދިންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުގެ އަންހެން ކުއްޖެއްގެ މަންމަ ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަމުން އެ ކުއްޖާގެ މަންމަ ބުނީ، އޭނާގެ ދަރިފުޅަކީ ކުރެހުމުގެ ރޮނގުން މޮޅު ކުއްޖެއް ނަމަވެސް، އެ ހުނަރު ދައްކާލުމުގެ ފުރުޞަތު ރާއްޖޭގައި ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަނެއްގައި ބައިވެރިވި ނަމަވެސް، އެއީ އޯޓިޒަމް ހުންނަ ކުއްޖަކަށް ވާތީ ގިނައިރު އެތަނުގައި ނުހުރެވޭނެ ކަމަށް އިންތިޒާމުކުރި ފަރާތުން އެންގި ކަމަށް އޭނާ ބުންޏެވެ. އަދި ކުއްޖާއަށް އެތަނުގައި މަޑުނުކުރެވުނު ނަމަވެސް ކުރެހުން އެތަނުގައި ބަހައްޓައިދިނުމަށް އެދުމުން ވެސް، އިންތިޒާމުކުރި ފަރާތުން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް އޭނާ ކިޔައިދިނެވެ.

މި ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ކުދިންގެ ހުނަރު ކުރިއަށް ގެންދެވޭނެ މަގުތައް ފަހިކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ހުނަރު ތަރައްޤީކުރުމަށް ސަރުކާރުން ޤާއިމުކުރާ "އެމްޕަވަމަންޓް ހަބް" ގެ މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން އެ މަރުކަޒުގެ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ނިމިފައެވެ.

މި މަރުކަޒު ޤާއިމުކުރެވެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށާއި، ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ޓެކްޓައިލް ޕާތުވޭތަކުގެ އިތުރުން، އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްޞަ "ސެންސަރީ ރޫމް" އެއް މިތަނުގައި ހިމެނެއެވެ.

މި މަރުކަޒުގައި ކަލިނަރީ، ހޮސްޕިޓަލިޓީ، ރީޓެއިލް އަދި އައިޓީ ދާއިރާގެ އިތުރުން އެކި ކަހަލަ އަތްތެރި މަސައްކަތްތަކުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބައިވެރިން ތައްޔާރުކުރާ އުފެއްދުންތައް މުޖުތަމަޢަށް ދައްކާލައި، ވިއްކުމަށް ޚާއްޞަ ފިހާރައަކާއި ޖާގައެއް ވެސް އެ މަރުކަޒުގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން