އައު އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް ރައީސް ގޮވައިލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 46ސ
އައު އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް ރައީސް ގޮވައިލައްވައިފި

އެންމެންނަށް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭކަން ކަށަވަރުކޮށްދޭ، އައު އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ. މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރު ކަމަށްވާ "އިނޮވޭޓް ޓުޑޭ- ނަރިޝް ޓުމޯރޯ" އަކީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި، ކުރާ ވުނަތަކަކީ، އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަން ވެގެންދާނެ ގޮތް، ހަނދާންކޮށްދޭ ޝިޢާރެއްކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައު އީޖާދުތަކަށް ވުނަކޮށް، ޤައުމުގައި ކާބޯތަކެތި އުފައްދާ މިންވަރު ފުޅާކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން، ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، ރައްޔިތުންނަށް ދުޅަހެޔޮ، އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ، ޤައުމީ ވިލުންތެރިކަމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދަށްޓަކައި، ކޮންމެހެން މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އައު ޓެކްނޮލޮޖީތައް ބަލައިގަތުމާއި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިންގެ އިޖުތިމާޢީ ދިރިއުޅުން ދެމެހެއްޓުމަށް ބޭނުންވާ ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަށް، އެމަނިކުފާނު ބާރުއަޅުއްވާފައި ވެއެވެ.

މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތަފްޞީލުވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ. އޭގެތެރޭގައި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭކަން ކަށަވަރުކުރުމާއި، މަސް ރައްކާކުރުމާއި އަދި މަހުގެބާވަތްތައް އުފެއްދުމަށް ބޭނުންވާނެ ޢުމްރާނީ ތަރައްޤީގެ ވަސީލަތްތައް ފުޅާކުރުންފަދަ، ފިޔަވަޅުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެކި ރަށްރަށުގައި ފެށިފައިވާ މަޝްރޫޢުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު،ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތާޒާ މޭވާ ހެއްދުމަށްޓަކައި،ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ހުރި ހުސްބިންތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް ހިތްވަރުދެއްވާފައި ވެއެވެ.

ރާއްޖޭގައި ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަތައް ވަރުގަދަކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ވުނަކުރާނެ އިތުރު ގޮތްތައް ހޯދުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދިވެހި އުފެއްދުންތެރިންގެ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، އައު އީޖާދުތައް ބޭނުންކޮށްގެން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާ، ދަނޑުވެރިކަމާއި މަސްވެރިކަންކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް، އެންމެހާ ދިވެހިން އެކުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށްވެސް، އަގުހެޔޮކޮށް، ފައިދާހުރި ކާބޯތަކެތި އިތުބާރާ އެކު ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއަކީ ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރެވިފައިވާ، ކާބޯތަކެތި އުފައްދާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ، އަދި ކޮންމެ ގެއަކަށްވެސް ފައިދާހުރިކާނާ، ހެޔޮ އަގުގައި ލިބެން ހުންނަ ޤައުމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުމަށް ގޮވައިލައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގޮވާލެއްވުމަށް ތާއީދުކުރައްވަމުން، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ކާބޯތަކެތީގެ ޙަޤީޤީ ރައްކާތެރިކަމަކީ، ކޮންމެ ޢާއިލާއަކަށް ވެސް ފައިދާހުރި ކާނާ ލިބެންހުރުން ކަމުގައެވެ. ފަރުދީ ޒިންމާގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އިސްރާފު މަދުކުރުމާއި، ރަށުގައި ކާބޯތަކެތި އުފެއްދުމަށް އެއްބާރުލުން ދިނުމާއި، އަދި ދެމެހެއްޓެނިވި އާދަތައް އަށަގެންނެވުން ފަދަ، ގޭތެރޭގައި ކޮންމެ ދުވަހަކު ނިންމާ ނިންމުންތަކަކީ، ޤައުމީ ފެންވަރުގައި، ހަރުދަނާ ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ކަމުގައެވެ.

ކޮންމެ އަހަރަކުވެސް، އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަނޑުހައިހޫނުކަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މި ދުވަހަކީ، އެންމެންނަށް ހަމަހަމަކަމާއެކު ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) އުފެދުނު ދުވަސްވެސް މެއެވެ.

މިއަދު އޮންލައިން