ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި އުފެއްދުންތެރިކަމެއް ނޫން، ކޮންމެ ޢާއިލާއަކަށް ޞިއްޙަތަށް ފައިދާހުރި ކާނާ ލިބުން: ފަސްޓް ލޭޑީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި އުފެއްދުންތެރިކަމެއް ނޫން، ކޮންމެ ޢާއިލާއަކަށް ޞިއްޙަތަށް ފައިދާހުރި ކާނާ ލިބުން: ފަސްޓް ލޭޑީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ކާބޯތަކެތި އުފެއްދުން ނޫން ކަމަށާއި، ކޮންމެ ޢާއިލާއަކަށް ވެސް ފައިދާހުރި ކާނާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި، އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ގޭތެރޭގައާއި މުޖުތަމަޢުގެ ފެންވަރުގައި ވިސްނުންތެރިކަމާއެކު ނިންމާ ކޮންމެ ނިންމުމަކީ މިއަދު އައު އީޖާދުތަކަށް ޖާގަދީ، މާދަމާގެ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި ބޭނުންކުރުމުގެ އާދަތައް އަށަގަންނުވައި، ރާއްޖޭގައި އުފައްދާ ތަކެއްޗަށް އެއްބާރުލުން ދިނުމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ޚިޔާރުކުރުމުގެ އިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމަކީ އެންމެން ގުޅިގެން ބޮޑު ބަދަލެއް ގެނެވިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައު އީޖާދުތަކަކީ އަބަދު ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީއާ ގުޅިފައިވާ ކަންކަމަށް ވާކަށް ނުޖެހެއެވެ. އަދި އެންމެން ގުޅިގެން ދުނިޔެ ޙިމާޔަތްކޮށް، އެންމެހައި ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން