ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތްތަކާ އެމްޓީސީސީން ހަވާލުވެ މިހާރުވެސް ކުރިއަށްގެންދަމުންދާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަޢުދީ ވިދާޅުވީ، އާރްޑީސީން މިވަގުތުވެސް 279 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާ ކަމަށެވެ. އަދި އެ މަސައްކަތްތައް އެމްޓީސީސީގެ އޮނިގަނޑުގެ ތެރެއިން ހިންގުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީ ސަޢުދީ އިތުރަށް ވިދާޅުވީ، އާރްޑީސީއާއި ކްލައިންޓުންނާ ދެމެދު ވެވިފައިވާ އެއްބަސްވުންތައް މާލިއްޔަތު ޤާނޫނާ އެއްގޮތްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި ފްރޭމްވޯކް އެގްރީމަންޓްގެ ތެރެއިން، މުހިންމު މަސައްކަތްތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މަޝްރޫޢުތަކުގެ ތަފްޞީލު ދެއްވަމުން ސަޢުދީ ވިދާޅުވީ، "މިސާލަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ކުރަމުންދާ މަސައްކަތްތައް އެމްޓީސީސީން މިހާރު ކުރިއަށްގެންދޭ. މި މަސައްކަތްތައް ހުރީ ތަރުތީބުކުރެވިފައި. އާރްޑީސީގެ މަސައްކަތްތަކާއެކު 2027 ގެ ޖުލައިއަށް 400 އަށްވުރެ ގިނަ މަޝްރޫޢު ނިންމަންޖެހޭ،" ކަމަށެވެ.
އާރްޑީސީ އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްދާއިރު، މި ބަދަލާއެކު ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ދުވެލި އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.